އާދިއްތަ, November 1
އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް: ރައީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްނަގައިގެން ބޭރު ފައިސާއާއި ބެހޭ ޤާނޫނެއް ހެދުމަކީ މުހިންމު ކަމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ބޭރު ފައިސާ އާ ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމަށް ޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވޭނެ ކަމަށާއި، ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، އެ ފައިސާ މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ގާނޫނަކުން އިތުރަށް ވަރުގަދަ ކުރުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ސްޓޭކްހޯލްޑަރުންގެ ހިޔާލަށް ހުޅުވާލައިފައެވެ.

އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ.

އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދިއުން ކަމަށެވެ.

• ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން

( 2025 ޖުލައި މަހުން ފެށިގެން )

• ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން

( 2026 ގެ ފުރަތަމަ ކުއާޓަރ )

• ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން

( 2026 ގެ ފުރަތަމަ ކުއާޓަރ)

• ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން

( 2025 ޖުލައި މަހުން ފެށިގެން )

އާންމު ރައްޔިތުންނަށް ފައިދާހުރި މިފަދަ ކަންކަން ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ރައްޔިތުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު