އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާގުޅޭ ގޮތުން ފަލަސްޠީނާއި، ޢަރަބި ގައުމުތަކުގެ ލަފާ ހޯދަންޖެހޭ ކަމުގައި ސަރުކާރުން ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.
އެގޮތުން ފަލާހް ވިދާޅުވީ މި މައްސަލައަކީ އަވަސް އަރުވާލައިގެން ނިންމޭނެ މައްސަލައެއް ނޫން ކަމަށާއި، މި ބިލާ ގުޅިގެން ބޮޑު ދިރާސާއެއް ކުރަންޖެހޭ ކަމަށެވެ.
ފަލާހް ވިދާޅުވީ ޕާސްޕޯޓު މަނާކުރުމުން ފަލަސްޠީނަށް އޮތް ފައިދާއެއް ބަލަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގައި ވެސް މުސްލިމުން އުޅޭ ކަމަށާއި، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާއިރު، ޢަރަބި ގައުމުތަކާއި، ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ވެސް ލަފާ ހޯދަންޖެހޭ ކަމުގައެވެ.
އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި ފަލަސްޠީނުގެ ބަހެއް، އެ ގައުމުގައި ވެސް ވެރިން އެބަތިބި، ކަމާ ގުޅުންހުރި އިދާރާތައް އެބަހުރި. ރާއްޖެއަށް އިޒްރޭލު ރައްޔިތުން އައުން މަނާކުރުމުން އެބޭފުޅުންނަށް އެ ގައުމަށް މިކަމުގައި ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ. އެބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އޮތްތޯ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމާގުޅޭ ގޮތުން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހުށަހެޅުއްވި އެ އިސްލާހުގައި ވަނި އިޒްރޭލުގެ ޕާސްޕޯޓާއި، އެހެން ގައުމެއްގެ ޕާސްޕޯޓު އޮތް ނަމަވެސް އިޒްރޭލުގެ ޕާސްޕޯޓެއްނަމަ، ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
މި ލިޔުން ކިޔާލުމުން