ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް ފުއާދު ތައުފީޤު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފިއެވެ.
ފުއާދު އެ މަގާމަށް އައްޔަންކުރެއްވުމަށް ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ.
ރައީސްގެ ސިޓީ އިއްވެވުމަށްފަހު، ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
އެ މަގާމަށް ފުއާދު ހަމަޖައްސާނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި އެ މައްސަލައާމެދު ގޮތެއް ނިންމުމުންނެވެ.
ފުއާދުގެ އީސީގެ ދައުރު ހަމަވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފުއާދު ވަނީ ދެ ދައުރެއްގައި އީސީގެ ރައީސްކަން ކުރައްވައިފައެވެ. އީސީގައި ހޭދަކުރެއްވި 10 އަހަރުގައި ފުއާދަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.
ފުއާދު ސަރުކާރަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު ވަނީ 35 އަހަރުވެފައެވެ.
މީގެކުރިން ފުއާދު ވަނީ ފޮރިން މިނިސްޓްރީގައްޔާއި، ސާކްގައި ވެސް މަސައްކަތް ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން