Saturday, October 31
20 ވަނަ ދުވަހުގެ އިރާއެކު ރާއްޖޭގެ ޑިމޮކްރަސީގެ އިރު ވެސް އޮއްސިއްޖެ: ޝާހިދު

މި ހިނގާ ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުގެ އިރާއެކު ރާއްޖޭގެ ޑިމޮކްރަސީގެ އިރު ވެސް އޮއްސިފައިވާ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު މިހެން ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެންނެވެ.

ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ ދުވަހު ވަނީ ގާނޫނުއަސާސީއަށް މައިގަނޑު ފަސް އިސްލާހެއް ގެނަސްފައެވެ.

އެ ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަކުރެއް އިތުރުކޮށް ހިމަނާފައިވަާ ބަދަލުތަކެވެ. މި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ހާލަތެއް އިތުރުކުރެވިފައިވެއެވެ.

އެގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

ދެވަނައަށް އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި، ގާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުންނެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިސްލާހުގެ ދަށުން އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ ޕީއެންސީއިން ފާސްކުރި އިސްލާހުތަކަކީ އެއްވެސް ޑިމޮކްރެކްޓިކް ހަމައަކުން ކަންކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ.

އިއްތިފާގެއްކަން ނޭނގެ އިއްޔެ [ނޮވެމްބަރު 20] ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް އެ ބަދަލު ގެންނެވިކަން ވޯޓު ނަގާ އިއުލާނުކުރެއްވި ވަގުތު އިއްތިފާގުވެގެންދިޔައީ އިއްޔެގެ އިރުއޮއްސި މަޣުރިބު ނަމާދަށް ގޮވި ވަގުތަށް. އަޅުގަނޑަށް ސިފަކުރެވުނީ އޮއްސިގެން އެ ދިޔައީ ހަމައެކަނި އިއްޔެގެ އިރެއް ނޫނޭ، ރާއްޖެއަށް، ރާއްޖޭގެ ޑިމޮކްރަސީގެ އިރު ވެސް އޮއްސިގެން އެ ދިޔައީއޭ. އެ ރަމްޒުވެގެން އިއްޔެ އެ ދިޔައީ.

ޝާހިދު ވިދާޅުވީ 2008 ވަނަ އަހަރު ރައްޔިތުން ބަލައިގަތް ގާނޫނުއަސާސީގެ މުޅި މަފްހޫމަކީ ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންކަން ނިންމުން ކަމަށެވެ. އަދި އެގޮތަށް ކަންކުރުމުގެ ވައްޓަފާޅިއެއް ރައްޔިތުންގެ މަޖިލީހުގައި ހިންގަން ފެށިފައިވަނީ 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހާ ހަމައިން ކަމަށެވެ.

އެ މަޖިލީހުގެ ރައީސަކަށް އަޅުގަނޑު ހުރިއިރު، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކުރެވި ހިންގަން ފެށުނު ނިޒާމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއް ވެސް ރައްޔިތުންގެ ޚިޔާލަށް ފުރުސަތު ދިނުން. އިއްޔެ މި ފާސްކުރެވިގެންދިޔަ، ގާނޫނުއަސާސީއަށް ގެނެވުނު ބޮޑެތި ބަދަލުތަކަކީ އެ ބަދަލުތަކާމެދު ރައްޔިތުން ދެކޭ ގޮތެއް ހޯދާލުމުގެ ފުރުސަތު ރައްޔިތުންނަށް ދޭންޖެހޭނެ ބަދަލުތަކެއް ކަމުގައި އަޅުގަނޑުމެން ދެކެން.

ހަމައެކަނި ގާނޫނުއަސާސީއަށް ބަަދަލު ގެނެވޭ ވަރަަށް ޕާޓީގައި މެންބަރުން ތިއްބެވިކަމަށް ގަބޫލުކޮށް ބޭނުން ގޮތަކަށް ކަންކުރުމަކީ ޑިމޮކްރަސީއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެ އިސްލާހުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްގީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ގައުމީ ރޫހުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމަށެވެ.

އެ އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު