އިއްޔެ ވަރަށް ކުއްލިގޮތަކަށް ރާއްޖޭގެ ގާނޫނުއަސާސީއަށް މިވަނީ އިސްލާހުތަކެއް ގެނެވިފައެވެ. މިގޮތުން ގެނެވުނު އިސްލާހު ތަކުގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް މިވަނީ ބަދަލުކޮށްފައެވެ.
މި އިސްލާހުގެ ސަބަބުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
ނަމަވެސް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމަށް އިންތިހާބު ކުރެވުނުއިރު ގާނޫނުއަސާސީގައި މިވާހަކަ މިގޮތަށް ލިޔެވިފައި ނެތެވެ. އެހެންކަމުން މި އުސޫލު މިހާރު ތިއްބެވި މެމްބަރުންގެ މައްޗަށް ހިނގާފާނެ ތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
މާޒީގެ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ދިނުމަކީ ގާނޫނާއި ޝަރީއަތާ ހިލާފު ކަމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ ކަމެކެވެ. ރާއްޖޭގައިވެސް އެކަން އޮންނަނީ އެގޮތަށެވެ.
ރާއްޖޭގެ ގާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބުނެފައިވަނީ ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއް ނުވާނެ ކަމަށެވެ. އަދި ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ހުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ގާނޫނުގައިވާ އަދަބު ކަމަށެވެ.
ގާނޫނީ ބޭފުޅުންގެ ނަޒަރުގައި މާޒީގައި ހިނގި ކަމެއް، އެއީ ޖިނާއީ ވިޔަސް އަދި މަދަނީ ކަމަކާ ގުޅިގެން ވިޔަސް ފަހުން ހަދާ ގާނޫނަކުން އަދަބު ދިނުން މި މާއްދާގެ މަފްހޫމްއާ ހިލާފުވާނެއެވެ.
" ގާނޫނަކީ ވުޖޫދުވާ ދުވަހުން ފެށިގެން އޭގެ ބާރު ކުރިއަށް ހިނގާ އެއްޗެއް. ގާނޫނު ވުޖޫދުވި ތާރީހުގެ ކުރިން ހިނގާފައިވާ ކަމަކަށް އެ ގާނޫނު އެޕްލައި ނުކުރެވޭނެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި އެކަން ސާފުކޮށް ބަޔާންކޮށްފައިވޭ.ކޯޓުގައި އެކަމާ ޗެެލެންޖް ކުރެވޭނެ" މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވިއެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރެވުނުއިރު ގާނޫނުއަސާސީގައި ނެތް ނަމަވެސް އެންޓި ޑިފެކްޝަން ގާނޫނެއް އޭރުވެސް އޮތެވެ. އަދި ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހުގައި ވާ އިބާރާތްތަކާ ދާދި އެއްގޮތަށް އެ ގާނޫނުގައި އޮތީ މެމްބަރުން ގޮނޑި ގެއްލިދާނެ ހާލަތްތައް ތަފްސީލު ކޮށްދީފައެވެ.
އެހެންކަމުން މެމްބަރަކު ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމަކީ މާޒީގައި ހިނގާފައިވާ ކަމަކަށް އަދަބު ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންތިހާބުވިއިރުވެސް ޕާޓީ ބަދަލުކުރުން ގާނޫނުން އޮތީ މަނާކުރެވިފައެވެ. އެހެންކަމުން ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހުގެ ދަށުން މެމްބަރަކު ގޮނޑި ގެއްލިއްޖެނަމަ މާޒީގައި ހިނގާފައިވާ ކަމަކަށް ފަހުން ހެދި ގާނޫނަކުން އަދަބު ދިނީކަމަށް ނުބެލެވޭނެއެވެ.
މިކަމާ ހިޔާލުތަފާތުވާ ބައެއް ގާނޫނީ ބޭފުޅުން ދެކޭ ގޮތުގައި 19 ވަނަ މަޖިލީހުން ފާސްކޮށްފައި އޮތް އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީ އާ ހިލާފު ގާނޫނެކެވެ. އެ ގާނޫނުގެ ގިނަ މާއްދާތަކަކީ ކޯޓުން ބާތިލުކުރާނެކަން ކަށަވަރުވާ މާއްދާތަކެކެވެ. މެމްބަރުން އިންތިހާބު ކުރެވުނުއިރު އެ ގާނޫނު ބާތިލު ކުރުމަށް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޭރު އޮތީ ހުޅުވިފައެވެ. އެހެންކަމުން ގާނޫނުއަސާސީއަށް މި ގެނެވުނު އިސްލާހަކީ 21 ވަނަ މަޖިލީހުން ފެށިގެން ހިނގަން ފަށާނެ އިސްލާހުތަކެކެވެ. 20 ވަމަ މަޖިލީހުގެ މައްޗަކަށް މި އިސްލާހުތަކެއް ނުހިނގާނެއެވެ.
ގިނަބަޔަކު ގަބޫލުކުރާގޮތުން އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީ އާއި ހިލާފު ގާނޫނެއްކަން ވެރިކަންކުރާ ޕީއެންސީ ވެސް ގަބޫލުކުރެއެވެ. މިކަމަށް ބާރުލިބެނީ އަމިއްލަ ފަރާތަކުން އެންޓިޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމުން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުންނެވެ.
މި ލިޔުން ކިޔާލުމުން