ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީ ގޮތުން ހަރަކާތްތެރި ނުވެވޭ ގޮތަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފިއެވެ. މި އިޞްލާޙު ފާސްވީ އެކަމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 78 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މި އިޞްލާޙު ހުށަހަޅަނީ ރާއްޖޭގެ ސަރަޙައްދު އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ބޭރުގެ ސިފައިންނަށް ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމުގައި ކަނޑައެޅުމަށެވެ.
ޤާނޫނުއަސާސީގައި ކުރިން އޮންނަ ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމަށް މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެއެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ހުށަހަޅައި ފާސްވި އިޞްލާޙުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމަށް ހުއްދަ ދީގެންނުވާނެ ކަމަށެވެ. އަދި، އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އަސްކަރީ ބޭނުމަކަށް ރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވުމަށް ހުއްދަ ދީގެންނުވާނެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ އިތުރުން 115 ވަނަ މާއްދާގެ (ބ) އަށްވެސް އިޞްލާޙު ގެނައުމަށް ވަނީ ހިމަނައިފައެވެ.
މި ލިޔުން ކިޔާލުމުން