ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމްގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކުގައި ނުޖެހުމަށް އޭނާ އެދިވަޑައިގެންފިއެވެ.
މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކިމަންސަތަކުގައި، ޚާއްޞަކޮށް ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކްގައި އޭނާގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައްޔާރުކޮށް އެކިކަހަލަ އޮފްޝޯ ޓްރޭޑް ކުރުމަށާއި، އިންވެސްޓްކޮށް އަވަހަށް ނަފާ ލިބޭނެ ފަދަ މާލީ މުޢާމަލާތްތަކުގައި ދިވެހީންނަށް އޭނާ ފުރުޞަތު ހޯދައިދޭކަމަށް ދައްކުވައިދީ، ރާއްޖޭގެ ޤައުމީ ބޭންކް މެދުވެރިވެ މި ސްކީމުގެ ފައިދާލިބޭނޭ ގޮތް ހަމަޖެހޭނޭކަމަށް ބަޔާންކޮށް، އޭނާގެ ނަމުގައި ފަތުރަމުންދާ އޯޑިއޯ ވީޑިއޯ ކްލިޕްތަކަކީ ރައްޔިތުންގެ ތެރެއިން ބަޔަކަށް އޮޅުވާލާ، ޒަމާނީ ކޮށް ސްކޭމް ކުރުމުގެ ބޭނުމުގައި ހިންގަމުންދާ އޮޅުވާލުމުގެ ދަށުދަރައިޖެ ޢަމަލުތަކެއް ކަމަށެވެ.
"އެހެން ކަމުން މިފަދަ އެއްވެސް ބާވަތެއްގެ ސްކޭމެއްގައި، ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު ޖެހިވަޑައިނުގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެއްވެސް ބޭފުޅަކު މިދެންނެވިފަދައިން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތައްޔާރުކޮށްފައި ހުންނަ ހަޤީޤަތެއް ނެތް ވީޑިއޯ ކްލިޕް ފަދަ ތަކެތި ސޯޝަލް މީޑިއާ ގެ އެކި މަންސަތަކާއި، އެކި ވައިބަރ ގްރޫޕްތަކާއި، ވަޓްސްއެޕް ގްރޫޕްތަކުގައި، ޝެއަރކޮށް ހެދުމުން ދުރުވެވަޑައިގަތުމަކީވެސް އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް"، ޤާސިމްގެ ޕޯސްޓުގައި ވެއެވެ.
ޤާސިމް ވިދާޅުވީ، މިފަދަ ބައެއް ވީޑިއޯ ތަކަކީ ހަޤީޤަތެއް ކަމަށް ހީކޮށް ބައެއް ފަރާތްތަކުން އެއީ ތެދު ތޯ ބަލާލަން އޭނާއަށް ވެސް ބައެއް ފަހަރު އެފަދަ ކްލިޕްތައް ފޮނުވަމުންދާތީ، އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި، ކަމުގެ ހަޤީޤަތް ހާމަކުރުމުގެ ބޭނުމުގައި މި މަޢުލޫމާތު ހިއްސާކޮށްލެއްވީ ކަމަށެވެ.
އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމްތައް ހިންގުމަކީ މިފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. މިފަދަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ނޫނީ އެކަމުގެ މަޢުލޫމާތު އެނގޭނަމަ، ވީހާވެސް އަވަހަށް ކަމާބެހޭ ފަރާތްތަކަށް އެކަމެއް ރިޕޯޓުކުރުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.
މި ލިޔުން ކިޔާލުމުން