ފާއިތުވި އެއް އަހަރު ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ)ގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު، ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދީގެން ކަމުގައި އެ ޕާޓީން ބުނެފިއެވެ.
މިގޮތުން އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް 2024 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރުން އަހަރަށް ހަލުވިކޮށް ބޮޑުވަމުން އައި ޚަރަދުތައް ކޮންޓްރޯލް ކުރެވި، ފާއިތުވި ތިން އަހަރު އެވަރެޖުކޮށް ކޮންމެ އަހަރަކު %15 އިން ދައުލަތުގެ ޚަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ޚަރަދުތައް އިތުރުވީ އެންމެ %2.5 ކަމަށެވެ.
މީގެ އިތުރުން، ޚަރަދުތައް ކޮންޓްރޯލްކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި ކަމަށާއި، މި އަހަރު ޖުމުލަ ބަޖެޓު ޑިފިސިޓު ވަނީ 378 މިލިއަން ރުފިޔާއިން ކުޑަކުރެވި %3.6 ދަށްވެފައި ކަމަށް ޕީ.އެން.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.
”ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫޢުތަކުގެ ޚަރަދުތައް ރެކޯޑުނުކޮށް މި އަހަރުގެ ޚަރަދުތަކުގެ ތެރެއަށް އެ ޚަރަދުތައް ހިމަނަންޖެހުމުން ކުރިމަތިވި މައްސަލަތައް ހައްލުކޮށް، ކޮންމެ ހަފުތާއަކު އެއްފަހަރު ދައުލަތުގެ ޚަރަދުބަރަދާއި އާމްދަނީގެ ތަފްޞީލްތައް މިހާރު ފިނޭންސް މިނިސްޓްރީން ދަނީ އާންމުކުރަމުންނެވެ. އެންމެ ފަހުން އެ ޚަރަދުތައް އާންމުކުރީ ހިނގަމުންދާ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.“، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ޕީ.އެން.ސީން ބުނެފައިވަނީ އާރު.ޓީ.އައި ތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވެފައި ނެތްކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. މިގޮތުން ރައީސް އޮފީހަށް ހުށަހެޅި އާރު.ޓީ.އައި ތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ހުރިހާ ހުށަހެޅުމަށް ޖަވާބުދީފައިވާނެ ކަމަށާއި، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުންވެސް އަންނަނީ އާރު.ޓީ.އައި ތަކަށް ޖަވާބުދެމުން ކަމަށެވެ. ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރު.ޓީ.އައި އަކަށް ޖަވާބުދީފައި ނުވާ ކަމަށާއި، ދައުލަތުގެ ކުންފުނިތަކުން އާރު.ޓީ.އައި އަށް ޖަވާބުދޭންޖެހޭނެ ކަމަށް ރާއްޖޭގެ ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތްކަން ފާހަގަކޮށް، ޕީ.އެން.ސީގެ ބަޔާނުގައި ބުނެފައިވަނީ އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސް ޑރ. މުޢިއްޒު ކަމަށެވެ.
”ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދު ހޯދުމަށް ނޫސްތަކުން އެކި ވުޒާރާތަކަށް ފޮނުވި އާރް.ޓީ.އައިތަކަށް އެ ވުޒާރާތަކުން ޖަވާބުދީ އެ ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ ޢަދަދާއި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް ދައުލަތުން ކުރާ ޚަރަދު ވަނީ ނޫސްތަކުން ރިޕޯޓުވެސް ކޮށްފައެވެ.“، އެ ބަޔާނުގައި ވެއެވެ.
ފާއިތުވި އަހަރު ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ވުޒާރާތަކުން ބާއްވާފައިވާ ކަމަށާއި، 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށާއި، އެ މުއްދަތުގައި އެއްވެސް މީޑިއާއަކަށް ފިޔަވަޅު އަޅައި ދަތިކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
”އޭގެ އިތުރަށް ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނެހެން އާންމުކުރަން ފެށީ މި ސަރުކާރުންނެވެ. މާރިޗު 2024 އިން ފެށިގެން އެކަމަށް ޚާއްޞަ ވެބްސައިޓެއްގައި ކެބިނެޓުގެ ކޮންމެ ނިންމުމެއް އަދާހަމަކޮށް މިހާރު އަންނަނީ ޝާއިޢުކުރެވެމުންނެވެ.“، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޕީ.އެން.ސީން ބުނީ ދިވެހި ރައްޔިތުންނަށް ފެންނަން ހުރި މިފަދަ ސާފު ޙަޤީޤަތްތައް އޮޅޭނެ ގޮތަށް ދައުލަތުން ފައިސާ ދީގެން ހިންގާ ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ އަދި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަޤާމު އަދާކުރަންޖެހޭ އެމް.ޑީ.ޕީން މަޢުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭ ގޮތަށް އެ ޕާޓީން މަޢުލޫމާތު ފެތުރުން ކުށްވެރި ކުރާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން