ރާއްޖެއަށް ބޯކޮށް ވާރޭ ވެހި، ވިއްސާރައިގެ އަސަރުކޮށް، ޅ. ކުރެންދޫގެ 70 އަށްވުރެ ގިނަ ގެތަކުގައި ފެން ބޮޑުވެ ގެއްލުންތަކެއް ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) އިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރައިގެ އަސަރުކޮށްފައިވާ ކަމަށެވެ.
މިގޮތުން ޅ. ކުރެންދޫގެ 70 ގެއެއްގައި ފެން ބޮޑުވެ، ފެން ހިއްކުމަށް ރަށުގައި ހުރި ޕަންޕު ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އޭގެ އިތުރުން ގެއްލުން ލިބުނު ބައެއް ރަށްތަކަށް ބަލައިލާއިރު:
• އައްޑޫ ސިޓީ ފޭދޫ ގެއެއްގެ ފުރާޅަށް ގެއްލުންވެ، ސީލިން އަށް ފެން އެޅުމުގެ ސަބަބުން ސީލިން ވަނީ ވެއްޓިފައެވެ. މީގެއިތުރުން ރަށުގެ އެކި ސަރަހައްދުތަކުގެ ގަސްތައް ވެއްޓިގެން ރިޕޯރޓް ކޮށްފައިވެއެވެ.
• ދ. ބަނޑިދޫއަށް އައި ކޮޅިގަނޑެއްގައި ގެއެއްގެ ފުރާޅުގެ ބައެއް އެއްލާލި އިރު، ބަދިގެ ތެރޭގައި ފެން ބޮޑުވެ ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެފައި ވެއެވެ.
ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ވިލަރެސް ކުރަމުންދާ އިރު، ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލް އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން