Saturday, October 31
ވޭޕްކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ރައްޔިތުންނަށް އަންގައިދިނުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި

ސަރުކާރުން ރައްޔިތުންނަށްޓަކައި ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ސިވިލް ސަރވިސް މުވައްޒަފުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރެއްވުމަށާއި، އާންމު ޞިއްޙަތުގެ ދުޅަހެޔޮ ކަމަށްޓަކައި، "ވޭޕް" ކުރުން ފަދަ ކަންކަމުގައި ހުރި ގެއްލުންތައް ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ވިދާޅުވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބާރުއަޅުއްވައިފިއެވެ. އެކަމަނާ މިކަމަށް ބާރުއަޅުއްވާފައި ވަނީ މިއަދު ޞިއްޙީ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ 52 ހަފުތާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮރެންޖް ހިޔާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ޞިއްޙީ ދާއިރާގެ ފަރާތްތަކަކީ ނުހަނު އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބައެއްކަން ފާހަގަކުރައްވާފައެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތްކުރައްވާ ފަރާތްތައް ގުޅިގެން މަސައްކަތްކުރެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މިހާރުވެސް ކުރިއަށްގެންދަވާގޮތަށް މަސައްކަތްތައް ކުރިއަށްގެންދެވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ސިވިލް މުވައްޒަފު ކޭކެއް ފެޅުންވެސް އޮތެވެ. އަދި މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ ޞިއްޙީ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެއްވާ ޝުކުރުގެ ބެޖު ޙަވާލުކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު