Saturday, October 31
ކުޑަކުދިން ކުށުގެ މާހައުލުގައި އުޅޭ އުޅުމަށް އިންޤިލާބީ ހައްލެއް ގެންނާނަން: އިހުސާން

ކުޑަކުދިން ކުށުގެ މާހައުލުގައި އުޅޭ އުޅުމަށް އިންޤިލާބީ ހައްލެއް ގެންނާނެ ކަމުގެ ޔަޤީންކަން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިހުސާން ދެއްވައިފިއެވެ.

މި ރިޔާސީ ދައުރުގެ ފުރަތަމަ 52 ހަފްތާގައި ހޯމް ޓީމުން ހާސިލްކޮށްފައިވާ މުހިންމު ނަތީޖާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ގޭންގުތަކަށް ކުޑަކުދިން ރެކްރޫޓް ކުރުން ހުއްޓުވައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހީތެރިކަން ފޯރުކޮށްދީ، ކުރިއަށް އޮތް އަހަރުގައި، މިމަސައްކަތުގެ ނަތީޖާ ދެއްކޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، މީގެކުރީގެ ސަރުކާރުތަކުން އަތްލާން ނުކެރިފައިވާ ޤައުމީ މައްސަލަތަކަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޖެހިލުންކުޑަ ސިޔާސީ ވިސްނުމާއި، އެހެން ހުރިހާ ކަމަކަށްވުރެން ދިވެހި ޤައުމު އިސްކުރައްވައިގެން ކުރައްވަން ނިންމެވި ކަންތައްތައް ކަމަށެވެ.

އަދި ވަޒީރު ވަނީ އެކަންކަން ތަންފީޛް ކުރުމުގެ މަސައްކަތް ހިންގާ، ވިލަރެސްކުރުމަށް އެމަނިކުފާނު ހުންނެވީ ވަރަށް ހުށިޔާރުވެގެންކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފާއިތުވި 52 ހަފްތާގެ ތެރޭގައި، މައިގަނޑު 4 ދާއިރާއަކަށް އަމާޒުކޮށްގެން، ގޮންޖެހުން ބޮޑު، އިސްތިރާޖީ ގިނަ މަސައްކަތްތަކެއްގެ ބިންގާ ވަނީ އަޅުއްވާފައި ކަމަށެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ މޫލާފައިވާ ބޮޑެތި މަައްސަލަތައް ކަމުގައިވާ ގޭންގުތަކުގެ މައްސަލަ އާއި މަސްތުވާތަކެތީގެ މައްސަލަ އާއި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ އިރުޝާދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވުމުން، ޤައުމީ އެބޮޑު މައްސަލަތައް ހައްލުކުރުމުގެ ފައުންޑޭޝަން މި ރިޔާސީ ފުރަތަމަ އަހަރު ތެރޭގައި ވަނީ އަޅުއްވާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅުން، މިރިޔާސީ ދައުރު ނިމުމުގެ ކުރިން އެމައްސަލަތަކަށް، ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް ސަރުކާރުން ހައްލު ހޯދައިދޭނަން. މި މަސައްކަތުގައި، ގޭންގު ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބުދީ، ކުށުގެ ޒަރިއްޔާއިން ހޯދާފައިވާ މުދަލާއި ތަކެތި ދައުލަތަށް ނެގުމަށް އެކަށައަޅަން ޖެހޭ ޤާނޫނީ އޮނިގަނޑު ވުޖޫދަށް ވަނީ ގެނެވިފަ. އެބިލު، ޤާނޫނަކަށްވެ، ތަންފީޛް ކުރަން ފެށުމުން، ގޭންގުތަކުގެ ހަރަކާތްތައް ހުއްޓި، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފަލާއިއެކު ދިރިއުޅެވޭނެ"، ދާޚިލީ ވަޒީރު އިހުސާން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިހުސާން ވަނީ، އިޖުތިމާޢީ ފޭރާން އިއާދަކުރުމަށްޓަކައި ގޭންގުތަކުގެ ހާލި ނައްތާލަން ޖެހޭއިރު، އެއީ ދިވެހި ޤައުމަށް އަދާކުރާނެ ޒިންމާއެއް ކަމަށްވެސް ވިދާޅުވެފައެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި، މި ރިޔާސީ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ ސަޕްލައި އޮންނަ ހުރިހާ މަގެއް ބަންދުކޮށް، ސަޕްލައި ނައްތާލާ، މަސްތުވާތަކެތީގެ ޑިމާންޑް 90 އިންސައްތައަށް ދަށްކުރުމަށް ހޯމްޓީމުން ވަނީ ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

"މީގެ އިތުރުން، ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 3 އަހަރުގެ މުއްދަތުގައި، އިރާދަކުރެއްވިއްޔާ އެ މައްސަލަ، ހައްލު ކުރާނެ ކަމުގެ ޔަގީންކަމަކީވެސް އަޅުގަނޑު ތަކުރާރު ކުރަން ބޭނުންވާ ކަމެއް. މިއަމާޒަށް ކުރާ މަސައްކަތުގައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި، ރިޒޯޓްތަކާއީ، ސިނާޢީ ރަށްތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތާއި، 10 އިނގިލީގެ ނިޝާން އަދި ފޮޓޯ (ބައޯމެޓްރިކްސް) ނަގައި ބިދޭސީ ފަރާތްތައް އައިޑެންޓިފައިކޮށް، އެކައުންޓް ކުރާނަން."، އިހުސާން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު