Tuesday, October 27
ފުއާދު : ގައުމީ ހިދުމަތުގައި ވިދާ ބަބުޅާ ތަރިއެއް

އެއީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހެވެ. އޭރުގެ އިލެކްޝަންސް ކަމިޝަންގެ ރައީސް، އަދި މިހާރު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގް އޮފީހުގައި އުޅުއްވީ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި ވަރަށް ވެސް ބުރަކޮށެވެ.

ބޯމަތިވެފައި އޮތް ރިޔާސީ އިންތިހާބުގެ އެތައް ކަމެއް އެދުވަހު ފުއާދު ބަލަހައްޓަވަމުން ގެންދެވިއިރު، އެއީ  ބައްޕައެއްގެ ހައިސިއްޔަތުން ފުއާދުގެ ހަޔާތުގައި އައި އެންމެ ހިތްދަތިވެސް ވަގުތެވެ. ސަބަބަކީ ފުއާދުގެ އުފަން ދަރިކަލުން އަހްމަދު ފުއާދު ތައުފީގު އެ ދުވަހު އިންޑިއާގައި ނިޔާވުމެވެ.

ފުއްޕާމޭގެ ބައްޔަކަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދެވި ފުއާދުގެ ދަރިކަލުން މި ދުނިޔެ އާއި ވަކިވި ހިތާމަވެރި ހަބަރު ފުއާދު އަށް ލިބިވަޑައިގަތީ އެ ދުވަހު ހެނދުނު އޮފީހަށް ވަޑައިގަންނަވަން ތައްޔާރުވަމުން ދަނިކޮށެވެ.

އެ ހިތާމަވެރި ހަބަރާއެކުވެސް ލަސްނުކުރައްވައި އޮފީހަށް ވަޑައިގެން މަސައްކަތުގައި ފުއާދު އުޅުއްވީ، އަދާކުރައްވަމުން ގެންދެވި މަގާމުގެ ގޮތުން އެދުވަހު ކޮންމެހެންވެސް ފުއާދު މަސައްކަތަށް ނުކުންނެވުން މުހިންމުވާތީ އެވެ.  މަސައްކަތުގައި އުޅުއްވިއިރު ދަރިކަލުން ވަކިވެދިއުމުގެ ހިތާމައިން ކޮށްފައިވާ ފުންއަސަރު ފުއާދުގެ މޫނުފުޅުންވެސް ފާޅުވާން ހުއްޓެވެ.

އެފަދަ ހިތާމައެއްގައި ހުންނަވައިގެންވެސް މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފުއާދު ކުރެއްވި ހިތްވަރުން އެ މަންޒަރު ފެނުނު ކޮންމެ މީހެއްގެ ގައިން ހީބިހި ނަގާނެއެވެ. އެދުވަހުގެ ހަނދާންތައް އާކޮށްލަމުން ފުއާދު "ސަބަބު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ؛

" ދަރިފުޅު ނިޔާވި ހަބަރު ލިބުނީ އަޅުގަނޑު އޮފީހަށް ނުކުންނަން ތައްޔާރުވަނިކޮށް. ނަމަވެސް އެ ދުވަހަކީ ރިޔާސީ އިންތިހާބުގެ ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑު ނެތި އެ ދުވަހު އެއްވެސް ގޯހެއް ވާން ފުރުސަތު ނުދޭން އޮފީހަށް ނުކުތީ. ހަގީގަތުގައި އަނގައިން ބުނެވޭ ވަރެއް ވެސް ނެތް. އިންތިހާބުގެ ކަންކަން އެއީ އަޅުގަނޑަށް އޮތް ގައުމީ ވާޖިބެއް.އެހެންވެ މަސައްކަތަށް ނުކުތީ"

އޮގަސްޓް މަހުގެ 7 ވަނަ ދުވަސް. ފުއާދު ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ބަލައިގަންނަނީ

މަޑުޖެހުމެއްނެތި ދުވަހުގެ ޝެޑިއުލްއާއި އެއްގޮތަށް ކޮމިޝަންގެ ނިންމުންތައް ނިންމުމަށާއި، އެހެނިހެން މަސައްކަތްތަކުގައި ފުއާދު އެދުވަހު ހުންނެވީ ހަވާލުވެގެން ހުރި ގައުމީ ޒިންމާ އަދާކުރުން އަމިއްލަފުޅު ޖަޒުބާތަށް ވުރެ އިސްކުރައްވައިގެންނެވެ. ފުއާދުގެ ހިތްވަރާއި ހިދުމަތްތެރިކަން ފާހަގަކޮށް އެދުވަހު ސޯޝަލްމީޑިއާގައި ފުއާދުއަށް ތައުރީފްގެ ބަސްތައް ގިނަބަޔަކު އޮއްސަމުން ދިޔައެވެ.

ނަމަވެސް އެއީ ފުއާދުގެ ހަޔާތުން އެންމެ ދުވަހެކެވެ. ގައުމީ ހިދުމަތުގައި ފުއާދު ހޭދަކުރެއްވި 47 އަހަރު ތެރޭގައި އިރު އަރާ އޮއްސުނު ކޮންމެ ދުވަހަކީ ފުއާދުއަށް ތައުރީފް ހައްގު ދުވަހެކެވެ. އެއިން ކޮންމެ ދުވަހަކީ ހަމަ މި ދަރަޖައަށް ހިދުމަތްކުރުމަށް ފުއާދު ހިތްވަރުކުރި ދުވަހެކެވެ.

މިހާތަނަށް ދައުލަތުގެ އެކި މަގާމުތައް ފުއާދު އަދާކުރައްވާފައި ވާއިރު، މިއިން ކޮންމެ މަގާމެއްގައި ފުއާދު ހިދުމަތް ކުރައްވާފައިވަނީ ވަރަށްވެސް ގައުމީ ޖޯޝުގައެވެ.

މި ސަބަބަށްޓަކައި ރާއްޖޭގެ އާންމު ފަރުދުންގެ މެދުގައި ފުއާދުއަށް އާދަޔާ ހިލާފް އިހްތިރާމެއް ލިބިފައިވާއިރު، ފުއާދުގެ ހިދުމަތްތެރިކަމާއި މެދު ރާއްޖޭގެ ސިޔާސީ މަސްރަހުގައިވެސް ދެބަސްވުމެއް އޮތްހެނެއް ހީނުވެއެވެ. ކޮންމެ ޕާޓިއެއް ވެރިކަމުގައި އޮތަސް މިފަހުން ފެންނަނީ ފުއާދުގެ ހިދުމަތަށް ސަރުކާރުގެ ފަރާތުން ދައުވަތު ދެވިގެން ދާތަނެވެ.

އެންމެފަހުން ފުއާދު ހުންނެވި އިލެކްޝަން ކޮމިޝަންގެ ދައުރު ހަމަވުމުގެ ކުރިން މި ސަރުކާރުގެ ފަރާތުން ފުއާދުގެ ހިދުމަތަށް އަނެއްކާވެސް އެދުނެވެ. ފުއާދު ވިދާޅުވީ ދައުރު ހަމަވުމުން މިހާރު ހުންނެވި މަގާމަށް އައްޔަންކުރެވުނީ ރައީސް ޑރ.މުއިއްޒު އެކަމާ ފުއާދުއާ މަޝްވަރާ ކުރައްވާފައެވެ.

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ފަތްކޮޅު ދެއްވުން

" އަޅުގަނޑު ޓާމް ހަމަވުމުގެ ކުރިން ރައީސް އެއްސެވި ކޮބާތޯ ގަސްތުކުރާ ގޮތަކީ. ސަރުކާރުން ބޭނުންހިފައިފިއްޔާ ހިދުމަތް ކުރަން ތައްޔާރުކަމަށް އަޅުގަނޑު ދެންނެވިން. އަދި ހިޔާލުކުރާ ދާއިރާއެއް އޮތް ތޯ ރައީސް އެއްސެވި. އަޅުގަނޑު ކަހަލަ މީހަކު ބާކީ ނުކޮށްލާނެ ކަމަށް ރައީސް ވިދާޅުވި"

މި ސަރުކާރުގެ މަގާމަކަށް ވަޑައިގަތް ގޮތް ކިޔައިދެއްވަމުން ފުއާދު ވިދާޅުވިއެވެ.

އާންމު ފަރުދުންގެ މެދުގައިވެސް ފުއާދުއަކީ އާދަޔާ ހިލާފަށް އިހްތިރާމް ލިބިގެންވާ ބޭފުޅެކެވެ. ހުރިހާ ސިޔާސީ ފިކުރަކުންވެސް ފުއާދު އަކީ ހިދުމަތްތެރި ބޭފުޅެއްގެ ގޮތުގައި ބަލައިގަތުމާ މެދު ފުއާދު ވިދާޅުވީ

" އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް. ވަކި މީހަކު ރުއްސަން މަގާމެއްގައި ހުރެގެން ދުވަހަކުވެސް އެހެން މީހެއްގެ ހައްގެއް އުނިވެދާފަދަ ކަމެއް ނުކުރަން. އަދި ހުރިހާ އެންމެންގެ ހައްގުތައް ހިމާޔަތް ކުރަން ވަކާލާތު ކުރަން."

މިޒާޖުފުޅުގައި މަޑުމައިތިރި ގޮތެއް، އެކަމަކު މަގާމުގެ ގޮތުން ވިދާޅުވާންޖެހޭ އެއްޗެއް ވިދާޅުވާން ފަސްޖެހިވަޑައިނުގަންވާކަން މިހައިތަނަށް ސާބިތުކޮށް ދެއްވާފައިވާ ފުއާދަކީ ތަފާސްހިސާބަށް ކުޅަދާނަ ބޭފުޅެކެވެ. އިންޑިއާ، ޖަޕާން އަދި އެމެރިކާއިން ތަފާސްހިސާބުގެ ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ ފުއާދުވަނީ، ފުރަތަމަ ފަހަރަށް ރާއްޖެއަށް ކޮމްޕިއުޓަރު ގެންނައުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ފުއާދު ރާއްޖެއިން ބޭރުގައި ކިޔަވާވިދާޅުވާން އުޅުއްވި ދުވަސްވަރު

އެޒަމާނުގައި ސަރުކާރުން ހިންގާ ޤައުމީ ބޯހިމެނުމުގެ މަސައްކަތުގައި ފުއާދު އިސްކޮށް އުޅުއްވި އިރު އެ މަސައްކަތަށް އިންގިލާބީ ބަދަލެއް ވަނީ ގެންނަވާފައެވެ. ސަރުކާރުގެ އެކި މަގާމުތަކުގެ އިތުރުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ  ސެކްރެޓޭރިއޭޓްގައި ވެސް ހަތް އަހަރު ފުއާދު މަސައްކަތް ކުރެއްވި އެވެ.

ފުއާދު ތަމްރީނުތަކުގައި އަދި ސާކް ސެކްރެޓޭރިއޭޓްގައި މަސައްކަތްކުރި ދުވަސްވަރުގެ ފޮޓޯތަކެއް

ނަމަވެސް ގިނަ މީހުންނަށް ފުއާދު އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ އިލެކްޝަންސް ކޮމިޝަންގައި ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ސަބަބުންނެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފްވުމާ ގުޅިގެން، މިނިވަން އިންސާފުވެރި އިންތިހާބުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގައި، ފުއާދު އަދާކުރެއްވި ދައުރަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ސޮފުހާއެކެވެ.

ފުއާދު ވަނީ މިހާތަނަށް އިލެކްޝަންސް ކަމިޝަންގައި ދެ ދައުރެއް އަދާކުރައްވާފައެވެ. އާ ގާނޫނު އަސާސީގެ ދަށުން އިންތިގާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ފުއާދު ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް އިލެކްޝަން ކޮމިޝަނުގެ ރައީސްކަން ކުރައްވާފަ އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު ދައުރެއް އިލެކްޝަންސް ކަމިޝަންގެ މެމްބަރެއްގެ ގޮތުގައި ފުއާދު ހުންނެވިއެވެ. އެހެން ކަމުން ރާއްޖޭގައި މިހާރު ބާއްވާ އިންތިހާބުތަކުގެ މަސައްކަތްތައް ބައްޓަންވެފައި އޮތް ގޮތަކީ ފުއާދުގެ ހިއްސާ ވަރަށް ބޮޑަށް އޮތް މަސައްކަތްތަކެކެވެ.

ޖުމުލަ ދިހަ އަހަރާއި ބައި އިލެކްޝަން ކަމިޝަނުގައި ފުއާދު ހުންނެވިއިރު ކުރެވުނު މަސައްކަތަށް ފުއާދު ހުންނެވީ ހިތްހަމަޖެހި ވަޑައިގެންނެވެ. ރާއްޖޭގައި މިހާރު ބާއްވާ އިންތިހާބުތަކަށް ފުއާދު ދެއްވަނީ މުޅި ދުނިޔެއިންވެސް އެއްވަނަ އެވެ.

 

" އެހެން ގައުމުތަކާ އަޅާކިޔާއިރު ރާއްޖޭގެ އިންތިހާބުތަކުގެ އިންތިޒާމުތަކަށް މުޅި ދުނިޔެއިންވެސް އެއް ވަނަ ލިބޭނެ. ރާއްޖެއަށް އަޅުގަނޑު ދޭނީ ސަތޭކައަކުން ނުވަދިހަ އަށެއް.  ރާއްޖެ ފިޔަވައި މި ސަރަހައްދުގެ އިންތިހާބުތައް ރަނގަޅު ކަމަށް ފެންނަ ލަންކާ އަށް އަޅުގަނޑު ދޭނީ ސަތޭކަ އަކުން ނުވަދިހަ "

ކުރެވުނު މަސައްކަތަށް ފަހުރުވެރިވެ ވަޑައިގަންނަވަމުން ފުއާދު ވިދާޅުވިއެވެ.

ފުއާދު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިމާވި އުނދަގޫ ދަނޑިވަޅު ތަކުގެ ތެރެއިން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި "ސުމޯޓޯ" މައްސަލަ ހިމެނެއެވެ. މި މައްސަލައިގައި ފުއާދު އާއި ކޮމިޝަނުގެ އެހެން މެމްބަރަކު ކޮމިޝަންގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އަދި ފުއާދު ހިމެނި ވަޑައިގަންނަވާހެން އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެމްބަރުން ހަ މަސް ދުވަހަށް ޖަލަށްލުމަށް ވެސް ހުކުމް ކުރެވުނެވެ. މިފަދަ ގޮތަކަށް ޖަލު ހުކުމެއް އައިސްދާނެކަމަށް އެއްގޮތަކަށްވެސް ފުއާދުގެ ހިތްޕުޅަށް އަރައި ވަޑައިގެންފައި ނެތް އިރު ފުއާދު ވިދާޅުވީ އެހެން ވެދާނެ ކަމަށް،

" ދުވަހަކުވެސް ހިތަށް އަރާފައެއް ނެތް. ޖަލު ހުކުމެއް ނުކުރައްވާ ތާ މަގާމުން ވަކި ކޮށްފާނެ ކަމަށްވެސް ހިތަށް ނާރާ"

ފުއާދު ވިދާޅުވިއެވެ.

އެގޮތަށް ހުކުމް އައުމުން ފުއާދު ވިދާޅުވިގޮތުން ލިބިވަޑައިގެންނެވީ ކުއްލި ހައިރާން ކަމެކެވެ.

ކޮންމެ އުނދަގޫ ކަމަކާ ކުރިމަތިލިއިރު ފުއާދު އިސްކުރައްވާފައި ވަނީ ކެތްތެރިކަމާއި ހިތްވަރެވެ. އުމުރުން ފަސްދޮޅަހުގެ އަހަރުތައް މިހާރު ގުނުއްވަމުންދާ ފުއާދު ވަނީ މަސައްކަތުގެ މާހައުލުގައި، އަދި ދިރިއުޅުމުގައިވެސް ގޮންޖެހުންތަކާއި ކުރިމަތިލާފައެވެ.

ފުއާދުގެ ގައުމީ ހިދުމަތުގައި އާ ބާބެއް އަނެއްކާވެސް މިވަނީ ފެށިފައެވެ. ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަންކޮށް، ފުއާދަށް މަގާމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑިސެމްބަރު 16 ވަނަ ދުވަހު ހަވާލުކުރައްވާފަ އެވެ.

އެހެން ދާއިރާއަކުން ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބިވަޑައިގަތުމުން ފުއާދު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެންނެވެ.

މިފަހަރު ހަވާލުވެ ވަޑައިގެންނެވި މަސައްކަތާއި ގުޅިގެން ފުއާދު ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސާދަށް އަދި ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށް އަޒުމް ކަނޑައަޅުއްވައިގެން ހުންނެވިކަމަށެވެ. އަދި ސަފީރުކަމުގައި ހޭދަވާ މުއްދަތުގައި އަބަދުވެސް ފުއާދު ގެންގުޅުއްވާ މަސައްކަތުގެ އަހްލާގު ގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސފުއާދު ދެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު