29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް 29) ގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އަޒަރުބައިޖާންގައި ކުރިއަށްދާ ކޮޕް 29 ގެ ހަވާސާގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ދެ ގައުމުގެ ގުދުރަތީ ތަފާތުތަކާއެކު ވެސް ދެ ގައުމުން ހިއްސާކުރާ އެކުވެރިކަން ފާހަގަކުރައްވައި، ގްލޭޝިއަލް މެލްޓިންއާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހިރާސްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.
ދުނިޔޭގެ ފުރަތަމަ ކާބަން-ނެގަޓިވް ގައުމަކީ ބޫޓާންކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވަނީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ބޫޓާނުން ކުރާ އީޖާދީ މަސައްކަތްތަކަށްޓަކައި ބޮޑުވަޒީރު ތޮބްގޭއަށް ތަހުނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ބޫޓާންގެ ބޮޑުވަޒީރު ވަނީ ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ތާއީދުކުރައްވައި މޫސުމީ މައްސަލަތަކުގައި ރައީސް ޑރ. މުޢިއްޒު އަދާކުރައްވާ އިސް ދައުރަށް ސާބަސް ދެއްވައިފައެވެ. އަދި މި މައްސަލައިގައި ބޫޓާނުން އީޖާދުކުރި ބައެއް ކާމިޔާބު ހައްލުތައް ރައީސް ޑރ. މުޢިއްޒާ ހިއްސާކުރެއްވިއެވެ.
މީގެއިތުރުން މޫސުމީ މައްސަލަތަކުގައި ބޮޑެތި، މުއްސަނދި ގައުމުތަކުން އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި، މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި، އިންވެސްޓްމަންޓްގެ ދާއިރާގައި އެއްބާރުލުންދިނުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި މޫސުމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޑުއުފުލުމުގައި އެކުގައި މަސައްކަތްކުރުމަށް، ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ ފަންނީ މައުލޫމާތާއި، ކާމިޔާބު ތަޖުރިބާތައް ހިއްސާކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުގެ އެއްބާރުލުން އިތުރު ކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.
މި ލިޔުން ކިޔާލުމުން