ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ބަންޑުންޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ.
ޖުމްލަ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި ފުރޮޅާލި ހާދިސާގައި 7 މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސާޖަންޓް ޢަލީ ނާފިޢު އަދި އެ ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫނެވެ.
އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި ގެއްލުނު މީހުން ހޯދުމަށްޓަކައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން އޮގަސްޓް 6 ވަނަ ދުވަހު މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އޭގެ އިތުރުން، ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކުގެ އިތުރުން ސީއެމްބިއުލޭންސް (SA038, SA037) އާއި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
މިހާތަނަށް ކުރެވުނު މި ފުޅާ އޮޕަރޭޝަނުންވެސް ގެއްލުނު ތިން މީހުން ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދިފައެވެ.



