މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 89 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި ލޯނު ލިބޭގޮތް ކަނޑައަޅާ ލޯނު ލިބޭނެ ގޮތް ފަހިކޮށްދީފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ ލޯނު ދޫކުރަން ފެށިފަހުން މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 89 މަސްވެރިއަކަށް ލޯނު ދީފައިވާ ކަމަށާއި، މި ލޯނުތައް ދޫކުރަމުން ދަނީ ބީއެމްއެލް މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި، ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ލޯނު ފަދަ އެކި ބާވަތުގެ ކްރެޑިޓް ފެސިލިޓީތަކަށް ވާޞިލުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި އައު އިންތިޒާމުގެ ދަށުން، ޝަރުޠު ހަމަވާ މަސްވެރިންނަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވެ 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިންގ ލިބޭނެއެވެ.
މުޢައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދާދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެންމެ ބޮޑު އެއް މަސައްކަތަކީ މަސްވެރިން ދަފުތަރުކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ ފެބުރުވަރީ މަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް ވަނީ އިފްތިތާހުކޮށްފައެވެ.





