ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝަކުވާތަކާއި ހިޔާލުތައް އަޑުއައްސަވައިގެން އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަކީ މިޒަމާނުގެ ވެރިކަމުގެ ނިޒާމެއްގައި ފެންނާނެ އެންމެ ރީތި އެއް ސިފައެވެ.
މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ފެއްޓެވި ސިލްސިލާ ޕްރޮގްރާމް ވެފައިވަނީ، ތަރުހީބު ބޮޑު އަދި ވަރަށް ގިނަ ރައްޔިތުންގެ އަޑު ސީދާ ސަރުކާރަށް ފޯރުކޮށްދިނުމަށް ލިބުނު އަގުހުރި ފުރުސަތަކަށެވެ. ކޮންމެ ބައްދަލުވުމެއް ހަތަރު ގަޑިއެއްހާ އިރަށް ދެމިގެންދާއިރު، ރޭ ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ބައްދަލުވުން ދަންވަރު 2:45 ވީ އިރުވެސް ދިޔައީ ކުރިއަށެވެ.
ކޮންމެ ރެއަކު ރައްޔިތުންގެ ފަރާތުން އެތައް ޝަކުވާތަކަކާއި ހިޔާލުތަކެއް ރައީސްއަށް ލިބިވަޑައިގަންނަވާއިރު ވަރަށް ގިނަ ކަންކަމަށް ވަގުތުންވެސް ފިޔަވަޅު އަޅުއްވަމުން ގެންދަވައެވެ.
މި ހަފްތާގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ރައީސް ޑރ މުހައްމަދު މުއިއްޒު ސޯޝަލް ސެންޓަރުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވައިގެ މަގުން ރާއްޖެ އަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ކޮންމެ މަހަކު މިލިއަނުން ދައްކަން ޖެހޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިއަކު ރައީސް ޑރ މުއިއްޒުއަށް ހުށަހެޅި އެވެ. އަދި މުދާ ކްލިއާ ކުރުން އަވަސްކުރެވޭނެ ގޮތެއްވޭތޯ އެކި ވުޒާރާތަކަށް އެތައް ފަހަރަކު ޝަކުވާ ހުށަހަޅާފައިވާނެ ކަމަށްވެސް އެ ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާގެ ޝަކުވާ އަޑުއެއްސެވުމަށްފަހު ވައިގެ މަގުން ރާއްޖެ އަށް ގެންނަ މުދާ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ދިގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަ އެރޭ ނިންމެވިއެވެ. "އެމްއޭސީއެލްގެ ފަރާތުން އަޅުގަނޑު ހަމަ މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި މިތަނުގައި އެ ބޭފުޅުން، މި 80 ގަޑިއިރު 124 ގަޑިއިރު ޑެމަރޭޖް ނާރާ ވަގުތު އިތުރު ކޮށްދޭނެ އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ޖަވާބު ދެއްވަމުން ވިދާޅުވި އެވެ. މިއީ ދިގުލައިގެން ގޮސްފައި އޮތް ބޮޑު މައްސަލައަކަށް މި ބައްދަލުވުން ތަކުގެ ތެރެއިން ރައީސް ގެންނެވި ހައްލެކެވެ. ކޮންމެ ރެއަކު މިކަހަލަ ކޮންމެވެސް ބަދަލުތަކެއް ރައީސް ގެންދަވަނީ ބައްދަލުވުންތަކުގެ ތެރެއިން ގެންނަވަމުންނެވެ.
ސަރުކާރުން ނުދީ ލަސްވާ ފައިސާއިން ކުންފުނިތަކުގެ ޓެކްސް އުނިވާ ގޮތަށް ބަދަލުކުރުމާއި ، ރައްޔިތުންގެ ޝަކުވާތަކާއި އެކު މަސާޖު ޕާލާތައް ބަންދުކުރަން ފޯކަސް ވަރުގަދަކޮށް 52 ތަނެއް ބަންދުކުރުމާއި ، ބިދޭސީންގެ މައްސަލަތައް ފަދަ އެތައް މައްސަލައަކަށް މި ބައްދަލުވުންތަކުގެ ތެރެއިން މިވަނީ ރައީސްގެ ސަމާލުކަން ލިބިފައެވެ.
މީގެކުރިން ރާއްޖޭގައި ވެރިކަމުގެ ފަރާތުން އާންމުކޮށް ފެންނަނީ ރައީސުންނާއި ރައްޔިތުންނާ ދެމެދު ބޮޑެތި ހުރަސްތަކެއް ހުރި މަންޒަރެވެ. ނަމަވެސް އެކަން މިހާރު މިވަނީ ބަދަލުވެފައެވެ. ރައީސް ޑރ މުއިއްޒު ބާއްވަމުން ގެންދަވާ މި ބައްދަލުވުންތަކަށް ތަރުހީބު ބޮޑުއިރު ،ގިނަ ރައްޔިތުންނަށް އެމީހުންގެ ހިތްހަމަނުޖެހުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ބަންޑުންކޮށްލުމުގެ ފުރުސަތު އޮތީ ލިބިފައެވެ.ކޮންމެ ރެއަކުވެސް މި ބައްދަލުވުންތަކުގައި އެންމެ ގިނައިން އިވޭ އެއް އަޑަކީ މިފަދަ ފުރުސަތެއް ދެއްވީތީ ރައްޔިތުންގެ ޝުކުރު ރައީސްއަށް ދަންނަވަމުންދާ އަޑެވެ. ރައީސްގެ ބައްދަލުވުންތަކުގައި ސަރުކާރާއި މެދު ބައެއް ރައްޔިތުންގެ ހިތުގައިވާ ޝަކުވާތައް ހުރަހެއްނެތި ދަންނަވާއިރުވެސް، މިފަދަ ފުރުސަތެއް ދެއްވީތީ ރައީސްއަށް ޝުކުރު އަދާކުރާކަން ފާހަގަކުރެވެއެވެ.
ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ޑރ މުއިއްޒު މިވަނީ ދިވެހި ޖުމްހޫރިއްޔާގެ ތާރީޚުގައި މުޅިން އާ ސަފްޙާއެއް ހުޅުއްވައިދެއްވާފައެވެ. އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކުންވެސް އެކި އެކި މުވައްސަސާތަކުގެ ދޯދިޔާކަމާއި ، ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ ވާހަކަތައް ސީދާ ރައީސްއަށް ދަންނަވާއިރު ، ބައެއް ކަންކަމަށް ރައީސް ވަޑައިގަންނަވަނީ ވަގުތުން ފިޔަވަޅު އަޅުއްވަމުންނެވެ. މި ބައްދަލުވުންތަކުގެ އެންމެ ޚާއްޞަ އެއް ސިފައަކީވެސް ސިޔާސީ ފިކުރަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ފުރުސަތު ދެއްވުމެވެ.ބައެއް ފަހަރު މި ބައްދަލުވުންތަކުގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުން ފެންނަ އާންމު މޫނުތައްވެސް ރައީސްއަށް ސީދާ ޝަކުވާ ދަންނަވާ މަންޒަރު ފެނެއެވެ. މިއީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ޤައުމީ މަޞްލަޙަތަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރެވިދާނެކަން ދައްކުވާ ރަނގަޅު މިސާލެކެވެ. އަދި ވެރިކަމުގައި ތިބޭ ފަރާތްތަކަށްވެސް އިދިކޮޅު ފަރާތްތަކުގެ ޝަކުވާތަކަށް ހުޅުވާލެވިފައި ބޭއްވިދާނެކަން ދައްކުވައިދޭ ކަމެކެވެ.
ޑިމޮކްރަސީގެ މާނައަކީ، ރައްޔިތުންގެ ވެރިކަމެވެ. އިންތިޚާބީ ވެރިންނަކީ، ރައްޔިތުންގެ ޚިދުމަތްތެރިންނެވެ. އިންތިޚާބުގެ ކެމްޕޭންތަކުގައި ކޮންމެ ސިޔާސީ ލީޑަރެއްވެސް ވައުދުވަނީ، ރައްޔިތުންގެ އަޑު އަހާނެ ކަމަށާއި، އެމީހުންގެ ބައިވެރިވުމާއެކު ނިންމުންތައް ނިންމާނެ ކަމަށެވެ. ނަމަވެސް، ވެރިކަމުގެ ތަޚުތަށް އެރުމަށްފަހު، ގިނަ ފަހަރު ފެންނަނީ ވެރިންނާއި ރައްޔިތުންނާ ދެމެދު ބޮޑު ފާރެއް ލެވޭ މަންޒަރެވެ. އާންމު ރައްޔިތުންގެ އަޑު ނީވޭ، ނުވަތަ އެ އަޑުތަކަށް އިޖާބަ ނުދެވޭގޮތް އޮންނަނީ ވެފައެވެ. މީގެ ނަތީޖާއަކަށް ވަނީ ވެރިކަމާމެދު ރައްޔިތުންގެ ނުރުހުން އިތުރުވެ، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އެޅިގެންދިއުމެވެ.ވެރިން ރައްޔިތުންނާ ދުރުވުމަކީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ. އެއީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަމެކެވެ. ރައްޔިތުންގެ ޝަކުވާތައް ނާހާނަމަ، ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި ސިޔާސަތުތައް ރައްޔިތުންގެ ހަޤީޤީ ބޭނުންތަކާ ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް، ރަށު ފެންވަރުގައި ހައްލުކުރަންޖެހޭ ކުދިކުދި މައްސަލަތައް، މަރުކަޒީ ސަރުކާރުން ދުރުގައި ތިބެގެން ދެނެގަތުމަކީ ނާދިރު ކަމެކެވެ. ވެރިންނާއި ރައްޔިތުންނާ ދެމެދު އިތުބާރު ގެއްލި ޚިޔާލު ތަފާތުވުން ބޮޑުވެ، ޤައުމުގެ އެއްބައިވަންތަކަން ކުޑަވެގެންދެއެވެ.
ނަމަވެސް، މިހާރު ރާއްޖޭގެ ސިޔާސީ މަންޒަރުން ފެންނަނީ އުންމީދީ ބަދަލެކެވެ. ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ރައްޔިތުންގެ ތެރެއަށް ވަދެ، އެމީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޝަކުވާތައް ސީދާ އަޑުއައްސަވައި، އެތަނުން ހައްލު ހޯދައިދެއްވާ މަންޒަރަކީ، ޑިމޮކްރަސީގެ ހަގީގީ ރޫޙު އާލާކުރާ ކަމެކެވެ. މިފަދަ ބައްދަލުވުންތަކުގައި، ރައްޔިތުންނަށް އެއްވެސް ހުރަހެއްނެތި، އެމީހުންގެ ހިތުގައިވާ ވާހަކަތައް ކިޔައިދިނުމުގެ ފުރުސަތު ލިބެއެވެ. މިކަމުގެ ސަބަބުން، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެ، އިތުބާރު އާލާވެގެންދާނެއެވެ. އަދި ރައްޔިތުން އެދޭ ބަދަލުތައް ގެނެވުމުގެ އުންމީދު ބޮޑެވެ.





