ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ފަހު ހުޅުވުމަށް މިރޭ ބާއްވާ ކުލަގަދަ ހަފްލާގައި ހަވާ އެރުވުމާއި ލައިޓް ޝޯއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ހަނިމާދޫ އެއާޕޯޓު ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނުންނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ މިނިސްޓަރު ވެސް ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ފަހުގައި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރެވެ. އެއާޕޯޓު ހުޅުވުމަށް ފަހު، ކުލަގަދަ ލައިޓް ޝޯއަކާއި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ނިމުމާއެކު، އެއާޕޯޓު ދިއްލާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ކުލަގަދަ ހަފްލާގެ ތެރެއިން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ޖައްސާނެއެވެ. މި ބޯޓަކީ އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަނުން ބޭނުން ކުރާ މަތިންދާ ބޯޓެކެވެ. އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއިން އެޅި މި އާ ޓާމިނަލަކީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މައްޗަށް ހާއްސަކޮށް، މަޑިއެއް ސިފަވާހެން ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ރަސްމީކޮށް ހުޅުވުމާ ގުޅިގެން، އެމްއޭސީއެލް އިން ވަނީ އެއާޕޯޓާ ހަވާލުވެފައެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ އޮޕަރޭޝަންސްތައް ވަނީ އާ ޓާމިނަލަށް ބަދަލުކޮށްފައެވެ.
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ތަރައްގީކޮށްފައިވާ މި ޓާމިނަލަކީ ރާއްޖޭގައި މިހާރު އަޅާފައިވާ ޓާމިނަލްތަކުގެ ތެރެއިން އެންމެ ރީތި އެއް ޓާމިނަލަށް ވާނެއެވެ. އެއާޕޯޓު ތަރައްގީ ކުރުމުން، ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެއެވެ. މި މަޝްރޫއުގެ ސަބަބުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
މި ބިޔަ މަޝްރޫއު ހިންގާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން، މި މަޝްރޫއަށް ޖުމްލަ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެއެވެ.




