އައްޑޫ ސިޓީ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް 2097 މީހުން ވޯޓުލައިފިއެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބޭ 9000 މީހުންގެ ތެރެއިން 21 އިންސައްތަ މީހުންނެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެލެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މެންދުރު 12 ޖެހުމާ ހަމައަށް 2097 މީހަކު ވޯޓު ލާފައިވާ ކަމަށެވެ. އެއީ 995 އަންހެނުންނާއި 1102 ފިރިހެނުންނެވެ. މި ވޯޓުގައި 9576 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ. އެގޮތުން ސިޓީގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓު މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.






