ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަޢުދީ ޢަރަބިއްޔާގެ ވަލީޢަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އިންތިޒާމުކުރެއްވި އަހަރީ މެހެމާންދާރީގައި މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މި މެހެމާންދާރީ ބޭއްވުނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ނަމުގައެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި ދައުލަތްތަކުގެ އެންމެ އިސްވެރިން، އިސްލާމީ ޝަޚްޞިއްޔަތުތައް، ސަޢުދީ ރަސްގެފާނުގެ މެހެމާނުން، އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ މެހެމާނުންނާއި ވަފުދުތަކުގެ އިސްވެރިންނާއި ޙައްޖު ކަންތައްތަކާ ގުޅުންހުރި އޮފީސްތަކުގެ ވެރިންގެ ޝަރަފުގައި މި މެހެމާންދާރީ ބޭއްވުނެވެ.
ރައީސް މުޢިއްޒު މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގެންނެވީ ސަޢުދީ ސަރުކާރުން ފޮނުއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ. ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ސަޢުދީ ޢަރަބިއްޔާގައި ތިއްބެވީ ސަޢުދީ ސަރުކާރުގެ ޚާއްޞަ މެހެމާންދާރީގައެވެ.
ރައީސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު،
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުން،
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،
- މިނިސްޓަރ އޮފް ސްޕޯޓްސް،
- ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން،
- އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން
- ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ
ކޮންމެ އަހަރަކުވެސް ޙައްޖުގެ އަޅުކަމަށް ވަޑައިގަތުމަށް ސަޢުދީ ރަސްގެފާނު އެކި ޤައުމުތަކުގެ ވެރިންނާއި، އިސްލާމީ ޝަޚްޞިއްޔަތުތަކަށް ދަޢުވަތު ދެއްވައެވެ.
މި ލިޔުން ކިޔާލުމުން