ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ޚާއްޞަ މެހުމާންދާރީއާއި ޚިދުމަތްތަކަށް އަދި ފަހިކޮށްދެއްވާ ފަސޭހަތަކަށް ޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު އެކްސްގައި ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ސަޢޫދީ ޢަރަބިއްޔާގެ މި އޯގާތެރިކަން އެމަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައެވެ. އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައެވެ.
حفظ الله خادم الحرمين الشريفين الملك سلمان بن عبد العزيز آل سعود أطال عمره ومتعه بالصحة والعافية وحفظ ولي عهده الأمين سمو الأمير محمد بن سلمان بن عبد العزيز آل سعود. وجزاهم الله خيرا على جهودهم المباركة والخدمات الجليلة والتسهيلات العظيمة التي يقدمونها للحرمين الشريفين و للحجاج…
— Dr Mohamed Muizzu (@MMuizzu) June 5, 2025
ރައީސްގެ މި ޕޯސްޓުގައި، ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާފައި ވެއެވެ. އަދި މި އިޙްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައި ވެއެވެ. އަދި ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ޤައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، ޢިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ދިވެހި ޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. ވަކީން ޚާއްޞަކޮށް، މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަހުއްދައަކާ އެކު ދިވެހިރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފައެވެ.
މި ލިޔުން ކިޔާލުމުން