ބޭސް ނުލިބުމުގެ މައްސަލައަށް ލުޔެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް މިއަދު ދެއްވައިފިއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ބައެއް ބޭސްތަކުގެ ސަޕްލައި ދަށްވުމުގެ ސަބަބުން ބޭސްތައް ނުލިބުމުގެ ކަންބޮޑުވުން އުޅޭކަން ސަރުކާރަށް އެނގިފައިވެއެވެ. އަދި މީގެ ކުޑަދުވަސްކޮޅެއް ކުރިން ބޭހުގެ ސަޕްލައި ޝޯޓޭޖްގެ މައްސަލަތަކެއް ހުރެގެން ގިނަ ރައްޔިތުންތަކަކަށް ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ މި އެޑްމިނިސްޓްރޭޝަންގެ މި މަސައްކަތުން ބޭހުގެ މި ކަންބޮޑުވުމަށް ބޮޑު ލުޔެއް އަޅުގަނޑުމެން ހޯދައިދޭނަން. އެއީ މި ކަންތައްތައް ތަރުތީބުކުރެވިފައިވާ ގޮތުން ކުރިއަށްދާއިރު އަޅުގަނޑުމެންނަށް އެ މަންޒަރު ފެންނާތީވެ،" ވަޒީރު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް އެސްޓީއޯގެ ބޭހުގެ ސަޕްލައި އިތުރުކުރުމަށްޓަކައި އެސްޓީއޯގެ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަރނަންސް ހަރުދަނާކޮށް، އެ ދާއިރާގެ މަސައްކަތް ބަލަހައްޓާ މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި މުވައްޒަފުން ޒިންމާދާރުކުރުވުމަށް އެސްއޯޕީތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ ޝަކުވާތައް ހުންނަ މިންވަރު ވަރަށް ގަވައިދުން ބަލަމުން ގެންދާ ކަމަށާއި، އެކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، މިހާރު މިކަމަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން