ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ޤައުމިއްޔަތަށް އައި އެންމެ ހެޔޮ އިންޤިލާބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ ގޮތުގައި ބަޔަކު ދިރިއުޅޭ އިރު، އެ ބަޔަކު ހެޔޮނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމަޢެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެންދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތީން، ނުވަތަ އެ ބަޔަކު ދުނިޔެދެކޭ ގޮތެއްގެ މަތީން ކަމުގައާއި، ހެޔޮނުބައި ކަނޑައެޅުމަށް ދިވެހީން ބޭނުންކުރާ މިންގަނޑަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށެވެ.
ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހާ މި ފަހަރު ބައްދަލުކުރީ ރަމަޟާން މަހުގެ ތެރޭގައިކަމީ، މި ހެޔޮ އިއްތިފާޤާ މެދު ވިސްނާލުމުގެ ބޭނުން ވަރަށް މުހިންމުކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހި ޤައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ، ދިވެހީން ދިރިއުޅޭ ގޮތްތަކާއި އާދަކާދަތައް، ނުވަތަ ދިވެހި ސަގާފަތް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިޞްލާޙުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ޢަޤީދާގެ ގޮތުން އެއްކައުވަންތަ މާތް ﷲއަށް ވަކީލުކުރަންފެށުމާއި އިންސާނިއްޔަތުކަމުގެ ގޮތުން އެކިއެކި ނަންނަމުގައި އިންސާނުން ޤުރުބާންކުރުން ނިމުމަކަށް ގެނަސް، އިންސާނީ ކަރާމާތް ދިފާޢުކޮށް މަތިވެރިކޮށް، މިސްކިތްތައް ބިނާކޮށް، ފަސްވަގުތު ނަމާދަށް ދިޔުމާއި ވެރީންނަށް އިޙްތިރާމުކުރުމާއި އަމާނާތްތެރިކަން އާންމުވުން އޭގެތެރޭގައި ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހީންނަކީ އަޚުންތަކެއްކަމަށް ގަބޫލުކުރެވި، އެކަކުއަނެކަކަށް އަޅައިލައި، ހަމްދަރުދީވުމުގެ ރީތި މިސާލުތަކަށް ބޭރުގެ ލިޔުންތެރީންގެ ތާރީފުތައް އޮހެން ފެށިކަމާއި، މުޅި ރާއްޖޭގައި އަމާންކަން ގާއިމުވެ، ބޭރުން ބަޔަކު ރާއްޖެއަށް ހަމަލާދިނަސް، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ޙައްޤު ގޮތުގައި ޖިހާދުކޮށް މި ލޮބުވެތި ވަޠަން މިނިވަންކުރެވިދިޔަކަން ރައީސް ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ މި ރާއްޖޭގައި ބަޔަކު ވަޒަންވެރިވި ތާރީޚެއް ދުވަސްވަރެއް އެނގެން ނެތް ޤައުމަކަށް ވާ އިރު، މި ކަމުން އަންގައިދެނީ، ދިވެހީންގެ ދޮށިކަމާއި، ދިވެހީންގެ އަސްލުވެހިކަމާއި، ދިވެހި ދައުލަތުގެ އެވޭލާކަމާއެކު ހައިބަތާއި ހަރުދަނާކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ޤައުމިއްޔަތަކީ ބަޔަކު ތަނެއްގައި ދިރިއުޅޭން ފެށުމުން އެބައެއްގެ ދަރިކޮޅު އިތުރުވެ ފެތުރިގެންދާ ދިޔުމުގައި، އެ ބަޔަކު އެ ތަނެއްގައި ކުރާ ތަޖުރިބާތައްކަމަށާއި އަދި އެ ތަޖުރިބާތަކުގެ ތެރެއިން އެ ބަޔަކު އެ ތަނެއްގައި މާދަމާއަށް ދެމި ތިބޭން ކުރާ ފިކުރެއް ކަމުގައި ރައީސް ޚިޠާބުގައި ވިދާޅުވިއެވެ.
މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ތާރީޚުގައި ޚާއްޞަ ދުވަހެއް ކަމަށާއި، އެއީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެވޭތީއާއި، ދިވެހި ޤައުމިއްޔަތަކީ ދިވެހީން މި ރާއްޖޭގައި ދެމި ތިބުމުގެ މައިގަނޑު އަސްލުކަމުގައިވާތީކަމުގައި، ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ޚިޠާބު ނިންމަވާލެއްވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ޤަދަރުކުރާ މީހަކަށްވުމުގެ ޢަޒުމު ކަނޑައެޅުމަށް ގޮވާލައްވައި، ދިވެހިރާއްޖެއަކީ، ރޫޙާނީ ގޮތުންނާއި ނަފުސާނީ ގޮތުން ތާހިރުކަން ލިބުމާއެކު މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު ރައްޔިތަކު ދިރިއުޅޭ، ބާއްޖަވެރި އުފާވެރި ޤައުމެއްގެ ގޮތުގައި ލެހެއްޓެވުން އެދި، މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
މި ލިޔުން ކިޔާލުމުން