އަޅުގަނޑުގެ ޅަދުވަހުން ފެށިގެން ވެސް އެބޭފުޅުންނާ ބައްދަލުކޮށްލުމަށް ޝައުގުވެރިވި ޚާއްސަ ބޭފުޅުންތަކެއް ތިއްބެވިއެވެ. އެއިން ކޮންމެ ބޭފުޅެއްގެ ނަންފުޅު ރޭޑިއޯއިން އިވޭ ނުވަތަ ލިޔުމަކުން ފެންނަ ކޮންމެ ފަހަރަކު އެ ބޭފުޅުންނާ ބައްދަލުވާނެ ދުވަހެއްގެ އިންތިޒާރުގައި ހުރެވެއެވެ.
އެ ބޭފުޅަކަށްޓަކައި ޚާއްސަ އިހުތިރާމަކާއި، ގަދަރެއް ދެވުނު އަދި ހިތުގައި ޚާއްސަ ލޯތްބެއް އުފެދުނު އެއް ބޭފުޅަކީ ހެންވޭރު އާމުލީގޭ ޢަބްދުﷲ ޞާދިޤެވެ.
އެހެން އިބާރާތަކުން ސިފަކޮށްދޭނަމަ، އަޅުގަނޑުމެންގެ އެންމެންގެ އަހުރަވެތި ސޯދުބެއެވެ.
އިތުރު ތައާރަފަކަށް ބޭނުމެއްނުވާ ފަދައިން ސޯދުބެއަކީ ދިވެހި ދީބު ދުށް ކުޅަދާނަ އަދީބެކެވެ. އެގޮތުން ދިވެހި އަދަބީ ގުލިސްތާނަށް ފެންދެއްވައި އާރޯކަމާއި، ތާޒާކަން ގެނެސްދެއްވިއެވެ. ލިޔުއްވި އަގުހުރި ފޮތްތަކާއި، އެކުލަވައިލެއްވި މައުލޫމާތުން ފުރިގެންވާ މަޒުމޫނުތަކާއި، ހެއްދެވި ފުރިހަމަ ޅެންތަކުގެ ޒަރީއާއިން މި ދިވެހި އަދަބުގެ ފަޒާގައި ފަތުރައިލެއްވީ ނުހަނު ވަސްމީރު ހުވަނދެކެވެ.
މިފަދަ ބޭފުޅަކާ ބައްދަލުވުމުގެ އިންތިޒާރީގައި ހުއްޓައި، 2019 ޖުލައި 01 ވަނަދުވަހުގެ ރެއަކީ، އަޅުގަނޑުގެ މި އިންތިޒާރަށް ނިމުން ގެނުވައިދިން ރެއެވެ.
އެރޭގެ އިރާކޮޅެވެ. އަޅުގަނޑާއެކު ހެންވޭރު އާމުލީގެެއަށް ދިޔައީ އަޅުގަނޑުގެ ހޫރުކާފަ ކައްދޫ ޢަބްދުއްރަޙްމާންގެ ކަދީދަ (ޚަދީޖާ) ގެ ޢަބްދުﷲ ގެ އިބްރާހިމް ރަޝީދުގެ ޢަލީ ނިހާސް (މިރޯ) އެވެ.
ސަލާން ގޮވާލުމަށްފަހު ސޯދުބޭ އިޒުނަފުޅާއެކު އަޅުގަނޑުމެން ދެ މީހުން އާމުލީގެއަށް ވަންއިރު، ހިނިފުޅުވަޑުވާ ހާލުގައި ލިޔާމޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެވަޑައިގެން ސޯދުބޭ އިންނެވިއެވެ.
ހާލުއަހުވާލު އޮޅުންފިލުއްވުމަށްފަހު، ސޯދުބޭ އަޅުގަނޑުމެންނާ މުޚާތަބުކުރެއްވީ ވަރަށްވެސް މަޑުމައިތިރި ގޮތެއްގައެވެ. އެއާއެކު އަޅުގަނޑުމެން ވެސް ސޯދުބެއަށް ތައާރަފުވެލީމެވެ. ލިޔުމަކީ ވަރަށް ޝައުގު ހުންނަ ކަމެއް ކަމާއި، މިހާރު ވެސް ނޫހަކަށް ލިޔަމުންދާ ކަމާއި، ލިޔުމާބެހޭ ކަންކަން އިތުރަށް ދަސްކުރަން ބޭނުންވާ ވާހަކަ ވެސް ދެންނެވީމެވެ.
ސޯދުބޭ އެންމެ ފުރަތަމަވެސް އަޅުގަނޑާ ހަވާލުކުރީ މަސައްކަތެކެވެ. ވަރަށް ވެސް ކުޑަކުޑަ މަސައްކަތެކެވެ.
މޭޒުމަތީގައި އޮތް ގަނޑަކާއި ގަލަމެއް އަޅުގަނޑުގެ އަތަށް ދެއްވާފައި ވިދާޅުވިއެވެ. ލިޔާށެވެ. މި ކިޔާ ޖުމްލަ ލިޔާށެވެ.
ސޯދުބޭ ވިދާޅުވި ޖުމްލައަކީ ''ދިޔަހިއްކާފައިން ދިޔަހިއްކައިފައި، ދިޔަހިއްކާފައި ބަހައްޓާށެވެ.''
ނަމަވެސް އަޅުގަނޑު ލިޔުނު ޖުމްލަ ރަނގަޅެއް ނުވިއެވެ. ''އައިބައިފިލި'' ލިޔަންޖެހޭ މަގާމުގައި އެހެން ގޮތަކަށް ލިޔެވުމުގެ ސަބަބުން ނުބައިވީއެވެ.
އެއާއެކު ސޯދުބޭ ވިދާޅުވިއެވެ. ލިޔާށެވެ. ''އެގެއަށް ވަންތަނާ ބުޅަލަކާއި ދިމާވިއެވެ.'' ނަމަވެސް އެއްވެސް ކުށެއް ނުލައި މި ޖުމްލަ ލިޔެ ނިންމީމެވެ.
މި ކުޑަކުޑަ ފިލާވަޅުން ސޯދުބޭ އުނގަންނަވައިއިދެއްވަން ބޭނުންފުޅުވީ ފިލިޖެހޭ ގޮތާއި، ސުކުން ކުރެވޭނެ ހަމައެވެ.
ކަންކަން މި ހިސާބަށް ދިޔަތަނާ ދެން ފެނިގެންދިޔައީ ޢަލީ ނިހާސް ޞާދުބެއަށް ސުވާލެއް ދެންނެވި ތަނެވެ. ''އަނބި'' މި ލަފުޒުގައި ސުކުންކުރެވޭ ހަމައަކީ ކޮބައިތޯ އައްސަވައި އޭނާ ސުވާލު ދެންނެވިއެވެ.
ޖަވާބުގައި ސޯދުބޭ ވިދާޅުވީ ''އަނބި'' މި ލަފުޒުގައި ސުކުންކުރެވޭ ހަމައަކީ ''އަންބެއް'' މިގޮތަށެވެ. ނަމަވެސް ''އަނތްބެއް'' އަދި ''އަތްނބެއް'' މިފަދަ ގޮތްތަކަކީ، ރަނގަޅު ގޮތްގޮތެއް ނޫން ކަމުގައި ވިދާޅުވިއެވެ.
މި ބަޔާންކުރި ވާހަކަތަކުގެ އިތުރުންވެސް އެތައް ވާހަކަތަކެއް މި ބައްދަލުވުމުގައި ދެކެވުނެވެ. ދިވެހި ބަހުގެ ކުލާސްތަކެއް ނަންގަވައިދެއްވަން ބޭނުންފުޅުވާ ވާހަކަ ވެސް ވިދާޅުވިއެވެ.
ސާއަތެއްހައި ދިގުމިނުގެ މި ބައްދަލުވުން ނިންމަވައިލައްވަމުން، ލިޔުމުގެ ހަމަތަކަށް އިސްކަންދިނުމަށާއި ގިނައިން ފޮތްކިޔައިހެދުމަށް ސޯދުބޭ އިލްތިމާސް ކުރެއްވިއެވެ.
އަޅުގަނޑަށް ސޯދުބެއާ ބައްދަލުވީ އެމަނިކުފާނުގެ އުމުރުފުޅުން 83 އަހަރުގައެވެ. މިއަދަކީ ސޯދުބޭގެ އުމުރުފުޅުން 90 އަހަރު ފުރުނު ދުވަހެވެ. އެމަނިކުފާނު އުފަންވެވަޑައިގެންނެވީ 1935 ޖަނަވަރީ 11 ގައެވެ.
ދުއާއަކީ ސޯދުބޭގެ އުމުރުފުޅު ދިގުކުރައްވައި، ރަހުމަތް ލައްވައި، ހެޔޮހާލުކޮޅުގައި ލެއްވުމެވެ.
އަޅުގަނޑު ކީބޯޑުން އަތް ދޫކޮށްލާނީ ސޯދުބޭ ގައުމަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ހިތުގެ އެންމެ އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ހާލުގައެވެ.
މި ލިޔުން ކިޔާލުމުން