އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ދޫކުރުމަށް ހަމަޖެހިފައިވާ "ވިޔަފާރި އެހީ" ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހުޅުވާލައިފިއެވެ.
މި ލޯނު މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ޚަރަދުތައް ކުރުމަށް އަދި ހިންގަމުންދާ ވިޔަފާރިއާއި ގުޅުންހުރި ދާއިރާގެ ތެރެއިން މެޝިނަރީ އާއި އިކުއިޕްމަންޓް ގަތުމަށް ބޭނުންކުރެވޭނެއެވެ.
އިންޓްރަސްޓްގެ ގޮތުގައި އަހަރަކު %9.5 ދައްކަންޖެހޭ މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ 1.5 މިލިއަން ރުފިޔާއާ ހަމައަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން ފަސް އަހަރު ދިނުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން ހަ މަސްދުވަސް ހިމެނޭނެއެވެ.
މި ލޯނަށް ހުށަހެޅޭ ރަހުނަކީ އެސްޑީއެފްސީން ގަބޫލުކުރާ އަދި ލޯނާއި އެކަށޭނެ ރަހުނަކަށް ވާންވާނެ ކަމަށާއި، ރަހުނު ހުށަހަޅަންޖެހޭނީ މަޝްރޫޢުގެ ރިސްކަށް ބެލުމަށްފަހުގައާއި 700،000ރ. އަށް ވުރެ އެކްސްޕޯޝަރ އިތުރުވާ ފެސިލިޓީތަކަށް ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މި ލޯނާ ބެހޭ އިތުރު މަޢުލޫމާތު އެސްޑީއެފްސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ލޯނަށް އެދި މިހާރު އެސްޑީއެފްސީގެ ވެބްސައިޓުން ހުށަހެޅޭނެއެވެ.
މި ލިޔުން ކިޔާލުމުން