Saturday, October 31
އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ މަހުން މަހަށް ބަހާލައިގެން ދެއްކޭ ގޮތް ހަދައިފި

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ އާއި ޖޫރިމަނާ މަހުން މަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މިއީ އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އެ މިނިސްޓްރީން މިހާރު ވަނީ މި ގޮތަށް ނިންމާ ޤަވާޢިދަށް ބަދަލުގެނެސް އާއްމުކޮށްފައެވެ.

އެ ޤަވާޢިދުގައި ވާ ގޮތުން ޝަރުތުތަކެއް ހަމަވާ ފަރާތްތަކަށް އަހަރީ ފީއާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވުމާއި، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވުމުގެ އިތުރުން މީގެ ކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށްވެސް އެ ޤަވާޢިދުގައި ވެއެވެ.

މީގެ އިތުރުންވެސް ބަހާލައިގެން ފައިސާ ދެއްކުމަށް ހުށައަޅާ މީހަކީ އުޅަނދުގެ ވެރިފަރާތަށް ވެސް ވާންޖެހެއެވެ.

މިނިސްޓްރީން  މައުލޫމާތު ދެއްވާ ގޮތުން ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކަން ފުރުސަތު ދޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުން ކަމަށެވެ. އެގޮތުން  މި ފީ 14 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެއެވެ. މި މުއްދަތުގައި ފީ ދައްކައިފިނަމަ، ބަހައިލައިގެން ފައިސާ ދެއްކުމަށްޓަކައި އެކަމަށް ހުށައަޅާ ފަރާތާއި މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

މި އެއްބަސްވުމުގައި، ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓްގެ އަދަދު ކަނޑައަޅާނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދު އުނިކުރުމަށްފަހުގައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ މިނިސްޓްރީއަށް ލިބިގެންވެއެވެ.

މި އައު ގަވާއިދުގެ ސަބަބުން، ގިނަ އަދަދެއްގެ އުޅަނދު ވެރިންނަށް އެމީހުންގެ އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު