މުސާރަ ނުލިބޭ ގޮތަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަމުން ދާއޫދު އަޙްމަދު ސަސްޕެންޑްކޮށްފިއެވެ.
މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ސަސްޕެންޑް ކުރައްވައިފި.
— Heena Waleed (@MvSpokesperson) April 24, 2025
މީގެ އިތުރުން ރައީސް ވަނީ، "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމުން، އެ މަޤާމުންވެސް ދާއޫދު ވަކިކުރައްވައިފައެވެ.
ދާއޫދު އެ މަޤާމުން ވަކިކުރައްވާފައި މިވަނީ އޭނާ ވަކި ނުކޮށްފިނަމަ، މިއަދު ބޯޑު މެންބަރު ކަމުންނާއި ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ނައިބު ރައީސް ނަޒާހާ ނަޒީމް ވިދާޅުވެފައި ވަނިކޮށެވެ.
އޭގެ ފަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޒާހާ ވިދާޅުވީ، ދާއޫދު މަޤާމުން ވަކިކުރައްވާފައިވާ ކަމަށާއި އެކަން އާންމުކޮށް އިޢުލާންކުރާނެ ކަމަށެވެ. އަދި ދާއޫދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެފަދަ މައްސަލަތައް ސަރުކާރުން ޤަބޫލެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވާ ކަމަށްވެސް ނަޒާހާ ވިދާޅުވިއެވެ.
ހެންވޭރު ގެއެއްގެ އިމާރާތަކުން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ދާއޫދުގެ ކޮއްކި، ރާއޫދު އަޙްމަދު ޒިލާލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ދާއޫދު މަސްތުވާތަކެއްޗާއެކު ޕާޓީ ކުރި ކަމަށް ބުނާ ވާހަކަތަކެއްވެސް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ. އަދި ގިނަ އަދަދެއްގެ ބަނގުރަލާއެކު ހުއްޓިގެން ހުންނަ ފޮޓޯއަކާއި، ބަދުއަޚްލާޤީ ޢަމަލުތަކެއް ކުރާއިރު ދާއޫދު ކައިރީގައި ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއްވެސް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.
މި ލިޔުން ކިޔާލުމުން