ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އޭނާގެ މަގާމުން ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފިއެވެ.
ފަޒުލް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ "ބިންވެރިޔާ ސްކީމް"ގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީއެއްގައި އިސްތިއުފާ ދެއްވަމުން ފަޒުލް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހޭދަކުރެއްވި މުއްދަތުގައި އޭނާއާ މެދުގައި އެކި ގޮތް ގޮތުން ކުރި އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތު ތަކަށް އެބޭފުޅާ އިންކާރު ކުރައްވާ ކަމަށެވެ.
ފަޒުލް ވިދާޅުވި ގޮތުގައި އޭނާ އެޗްޑީސީއަށް އައްޔަން ކުރި ފަހުން މިހާތަނަށް ކުރެއްވި އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދި ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކުރެއްވި މުއާމަލާތްތަކެކެވެ.
ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީ އަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވެގެން ދިޔުން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނަން ނޭދޭ ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ކަންމިހެން ހުރުމުން، ބިންވެރިޔާ ސްކީމްއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި، ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އަޅުގަނޑު އެދެނީ މަނިކުފާނަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށެވެ،" ފަޒުލްގެ ސިޓީގައިވެ އެވެ.
"ބިންވެރިޔާ ސްކީމް" ލިސްޓުގައި ނެތް ބަޔަކަށް ހުޅުމާލެއިން ގޯތި ވިއްކި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެމްޑަބްލިއުއެސްސީގެ ޗެއާމަން ކަމަށް އައްޔަންކުރި އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އޭގެއިތުރުން އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި ލިޔުން ކިޔާލުމުން