އާދިއްތަ, November 1
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި އިހުތިޖާޖު ކުރަނީ

ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ހަވީރު ފެށި މި އިހުތިޖާޖާ ގުޅޭ ގޮތުން، "ސަބަބު" ނޫހަށް މައޫލޫމާތު ދިން ޑްރައިވަރަކު ބުނީީ ސަރުކާރުން ޚަރަދު ކުޑަ ކުރުމުގެ ގޮތުން ޓެކްސީ ލިމިޓެއް ގެންނަން އުޅޭތީ، މީގެ ތިން މަސް ކުރިން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި ބައްދަލުކޮށް މިކަމުގެ ކަންބޮޑުވުންތަށް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އޭރުގައި ވާހަކަ ދެކެވުނީ އެކަން އެގޮތަށް ނުކޮށް، މިހާރު ރާއްޖޭގައި ދުއްވާ ޓެކްސީތަކުގައި މީޓަރު ހަރުކުރާ ގޮތަށް ކަމަށެެވެ.

މިނިސްޓަރު އޭރުގައި ބުނެފައިވަނީ ކޮންމެ ކަމެއްގައި ވެސް ބައްލަވާނީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަމަށް ޑްރައިވަރު ބުންޏެވެ.

ނަމަވެސް އެއްވެސް މަޝްވަރާއެއް ވެސް ނުކޮށް އެކަން އެގޮތަށް ކުރާނެކަން މިއަދު ޚަބަރުތަކުން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ހައްގު ހޯދަން ނުކުމެ މި ތިބީ. ރައްޔިތުންނަށް އެންމެ ފައިދާވާނީ ސަރުކާރުން އަމިއްލަ ބޭނުމަށް ގެންނަން އުޅޭ 300 ޓެކްސީ ގެނެސްގެންނެއް ނޫން". ޑްރައިވަރު ބުންޏެވެ.

ޑްރައިވަރު ބުނީ މި ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަނުމުން އޭގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ ކަމަށެވެ. އަދި މި ކުރަނީ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި، މި ތިބީ ރައްޔިތުންނަށް އުނދަގޫ ނުވާ ސަރަހައްދައްގައި ކަމަށެވެ. ނަމަވެސް ފުލުހުން ދަނީ އެއިހުތިޖާޖަށް ހުރަސް އަޅަމުން ކަމަށް އޭނާ ބުންޏެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރު ކުންފުންޏަކާ ހަވާލުކުރަން ނިންމީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ޒަމާނަށް ފެތޭ، ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަކީ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ފެށި "މާލެ ފަހި" ޕްރޮގްރާމްގައި ހިމެނޭ ކަމެކެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް ގެންދަން ރޭވިފައިވަނީ އާރްޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި، މި ހިދުމަތުގައި މަސައްކަތް ކުރާ 50 ޕަސެންޓް ޓެކްސީ ޑްރައިވަރުން ވެގެންދާނީ ދާއީމީ މުވައްޒަފުންނަށް ކަމަށެވެ. ބާކީ 50 ޕަސެންޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ކަމަށް އޭރުގައި މިނިސްޓަރު އަމީން ވިދާޅުވެފައި ވެއެވެ.

މި ހިދުމަތުގައި ޓެކްސީ ދުއްވޭނީ މުޅިން ވެސް ދިވެހިންނަށް ކަމަށާއި ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ޑްރެސްކޯޑެއް ވެސް ހަމަޖައްސާފައިވާނެ ކަމަށާއި، މި ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮންމެ 7 ދުވަހަކުން މުސާރަ ދެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ވެސް އަމީން ވިދާޅުވެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު