ސީރިޔާގެ ވެރިރަށް ދިމިޝްގާއި، ހޯމްސް ސިޓީ ކައިރީގައި އޮންނަ އަސްކަރީ ސައިޓަކަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ސީރިޔާގެ ދިފާއީ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި އިޒްރޭލުން މި ހަމަލާތައް ދީފައި ވދިމިޝްގުގެ މެދުތެރޭގެ އަވަށެއް ކަމަށްވާ ކާފްރް ސޫސާ އަށާއި ހޯމްސްގެ އަވަށްތަކުގެ އަސްކަރީ ސައިޓުތަކަކަށެވެ. އަދި މި ހަމަލާގައި ސިފައިންގެ ތެރެއިން އެކަކު މަރުވެ އިތުރު ހަތް މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދިނެވެ.
މީގެ ކުރިން ސޫރިޔާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ ކަފްރް ސޫސާގެ ހިސާބުތަކަކަށް ވެސް އިސްރާއީލުން ހަމަލާދީފައިވާ ކަމަށެވެ.
އިޒްރޭލުން މި ހަމަލާއާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. މި ހަމަލާދީފައި މިވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އިޒްރޭލަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން ސީރިއާގައި ހުންނަ ކަމަށް ބުނާ އީރާނާ ގުޅުން ހުރި އަމާޒުތަކަށް ހަމަލާތައް ދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށްފަހު، އެ ގައުމުން ވަނީ ސީރިއާއަށްދޭ ހަމަލާތައް ވެސް އިތުރުކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ސީރިއާގެ މެޑިޓަރޭނިއަން ބަނދަރުގެ ސިޓީއެއް ކަމަށްވާ ލަޓާކިއާއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އާންމުންގެ ދެ މީހަކު ޒަޚަމްވެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ވަނީ ސީރިޔާއަށް އަމާޒުކޮށް ވައިގެ މަގުން 220 ވުރެ ގިނަ ހަމަލާ ދީފައެވެ.
މި ލިޔުން ކިޔާލުމުން