ތުރުކީގައި ހުންނަ އެ ގައުމުގެ ސަރުކާރު ހިއްސާވާ ޑިފެންސް ފާމަކަށް ޓެރަރިސްޓް ހަމަލާއެއް ދީފިއެވެ.
ތުރުކީގެ ދާޚިލީ ވަޒީރު އަލީ ޔަރްލިކާޔާ ވިދާޅުވީ އަންކާރާ ކައިރީގައި ހުންނަ ޑިފެންސް އެންޑް އެރޯސްޕޭސް ކުންފުނީގެ ހެޑްކުއާޓަރަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ 22 މީހުން ޒަޚަމް ވެފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި އެ ފެސިލިޓީގައި އެއްޗެއް ގޮއްވާލާފައިވާއިރު ބައެއް ކްލިޕްތަކުން ބަޑީގެ ހަމަލާތަކުގެ އަޑުއިވެއެވެ.
ތުރުކީގެ ނޫހަކުން މައުލޫމާތު ދިން ގޮތުގައި ހަމަލާދިން ޓެރަރިސްޓުންގެ ގުރޫޕް އެ ފެސިލިޓީ އަށް ވަދެފައިވަނީ އެތަނުގެ ސެކިޔުރިޓީ އޮފިސަރުން ޑިއުޓީ ބަދަލު ކުރި ވަގުތުގައެވެ. އަދި އޭގެ ތެރެއިން އެކަކު ފެސިލިޓީގައި ބޮމެއް ގޮއްވާލި އިރު އަނެއް ބަޔަކު އެ އިމާރާތަށް ވަދެފައިވާ ކަމަށް ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ހަމަލާއަށްފަހު ބަޔަކު ވަނީ ރަހީނު ވެސް ކޮށްފައެވެ.
ޓެރަރިސްޓް ހަމަލާ އަމާޒުވި ޓޫސަސް އަކީ ޖެނެރަލް ޑައިނަމިކްސްގެ ލައިސަންސްގެ ދަށުން އެފް-16 ފައިޓާ ޖެޓްތައް އުފެއްދުމުގެ އިތުރުން މަދަނީ އަދި އަސްކަރީ ބޭނުންތަކަށް ބޭނުންވާ އެވިއޮނިކްސް ޑިވައިސްތަކާއި އެއާކްރާފްޓް ކޮމްޕޯނެންޓްތައް އުފައްދާ ކުންފުންޏެކެވެ.
ތުރުކީގެ އަސްކަރިއްޔާއަށް ބޭނުންވާ ޖެޓާއި އެޓޭކް ހެލިކޮޕްޓަރުގެ އިތުރުން ޑްރޯން ވެސް އެ ކުންފުނިން އުފައްދަ އެވެ. އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރުގެ އަސްކަރީ ރިސާޗް އެންޑް ޕްރޮކިއުމަންޓް ޖަމިއްޔާއެއް ކަމަށްވާ ތުރުކީ ސިފައިންގެ ފައުންޑޭޝަނެވެ.
މި ލިޔުން ކިޔާލުމުން