ޖޯގްރަފީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ މިވާ ސަރަހައްދަކީ އޭގެ ސްޓްރެޓެޖިކް މުހިންމުކަން މިހާރު އެންމެންނަށް ސާފުކޮށް އެނގޭ ކަމެކެވެ.
ނަމަވެސް ޖޯގްރަފީ ގޮތުން ލިބިފައިވާ މި މުހިންމު ކަމުން ގައުމަށް މިހާތަނަށް އިގްތިސާދީގޮތުން ނެގިފައިވާ ފާއިދާއެއް އޮތް ކަމަކަށް ނުފެނެއެވެ.
ދުނިޔޭގެ ގައުމުތައް ކުރިއެރުމަށް ބޭނުންކުރާ މައިގަނޑު އެއް ވަސީލަތަކީ ޖޯގްރަފީގެ ގޮތުން ލިބިފައިވާ ހާއްސަކަމުން އުފެދޭ ވިޔަފާރިތަކެވެ.
ރާއްޖެއަކީ އިންޑިއާ ކަނޑުގެ ހުޅަނގުން ގަލްފް އޮފް އޭޑެން އާއި ސްޓްރޭޓްސް އޮފް ހޮރްމުޒް ، އަދި އިރުމަތިން މަލާކާ ސްޓްރޭޓްސް އިން ދަތުރުކުރާ ހުރިހާ އުޅަނދުތަކަށް ލިބޭ ހަމައެކަނި ދެ އެސްއެލްއޯސީ އޮތް ސަރަހައްދެވެ.
އެސްއެލްއޯސީ ނުވަތަ ސީ ލައިންސް އޮފް ކޮމިއުނިކޭޝަންސް އަކީ ކަނޑު ދަތުރުކުރާ އުޅަނދުތައް ދެ ބަނދަރެއްގެ ދޭތެރޭގައި ދަތުރުކުރާ އިރު ބޭނުންކުރާ މައިގަނޑު މެރިޓައިމް ރޫޓްތަކެވެ. އެހެންކަމުން ރާއްޖެއަކީ އިންޑިއާ ކަނޑުގެ ދެ ބިތަށް ދަތުރުކުރާ އުޅަނދުތަކަށް ލިބޭ ހަމައެކަނި ދެ އެސްއެލްއޯސީ ހިމެނޭ ސަރަހައްދު ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކަށް މިއީ ވަރަށް މުހިންމު މަގެކެވެ. މިއީ އަހަރަކު އެތައް ހާސް އުޅަނދު ދަތުރުކުރާ މަގެކެވެ.
ރާއްޖެ ހިމެނޭ އިންޑިއާ ކަނޑަކީ އެތައް ގަރުނެއް ވަންދެން ދުނިޔޭގެ ވިޔަފާރީގައި މުހިންމު މައިދާނެކެވެ. ދުނިޔޭގެ ތެލާއި ގޭސް ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި މިހާރުވެސް އިންޑިއާ ކަނޑުން ދަތުރުކުރެއެވެ.
އަދި ދުނިޔޭގައި ކަނޑުމަގުން ގެންދާ ބަލްކް ކާގޯގެ ތިންބައިކުޅަ އެއްބައި ދަތުރުކުރާ މަގަކީވެސް މިއީއެވެ. މި ދަތުރުތަކުގައި ގާތްގަނޑަކަށް 90،000 އުޅަނދު ކޮންމެ އަހަރަކު އިންޑިއާ ކަނޑުގެ ތެރެއިން ދަތުރުކުރެއެވެ.
ރާއްޖެ ސަރަހައްދުގައިވާ އެސްއެލްއޯސީ ތަކަކީ މުޅި ދުނިޔޭގައި ކަނޑު މަގުން ހިންގާ ވިޔަފާރި މުއާމަލާތްތަކަށް މުހިންމު އެއްޗަކަށް ވެފައި ވާ އިރު ، އިންޑިއާ އަދި ޗައިނާ އަށް މިކަން ވަކިން މުހިންމުކަން ބޮޑުވެފައި ވެއެވެ.
މިގޮތުން އިންޑިއާ އެހެން ގައުމުތަކާއެކު ކުރާ ވިޔަފާރީގެ ގާތްގަނޑަކަށް 50 ޕަސެންޓާއި، އެ ގައުމަށް އިމްޕޯޓުކުރާ ހަކަތައިގެ 80 ޕަސެންޓް ދަތުރުކުރަނީ މި އެސްއެލްއޯސީތަކުގެ ތެރެއިންނެވެ.
ހަމައެހެން ޗައިނާއަށްވެސް މެދު އިރުމަތިން އަދި އެހެން ގައުމުތަކުން އިމްޕޯޓުކުރާ ހަކަތައިގެ 80 އިންސައްތަ ދަތުރުކުރަނީ ހަމަ މި މަގުންނެވެ.
މިިހެންވުމުން މެރިޓައިމް ދާއިރާގެ ބައެއް ފަރާތްތަކުން އިންޑިއާ ކަނޑުގެ "ޓޯލް ގޭޓް' ގެ ގޮތުގައިވެސް ރާއްޖެއަށް ނިސްބަތްކުރެއެވެ. އެހެންކަމުން މި ޓޯލް ގޭޓް ގެ އިގްތިސާދީ މަންފާ ހޯދުމަށް ރާއްޖެއިން މިހާރު މިވަނީ މަސައްކަތް ފަށާފައެވެ.
މިގޮތުން އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ނަމުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް ރާއްޖެއިން ވަނީ ފަށާފަ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް މި ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.
އޮފްޝޯރ ބަންކަރިންގެ ހިދުމަތް ފެށި ޗެނަލުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެއެވެ.
ސަރުކާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރު ކުރާ އެއް ޕަސެންޓު ބޯޓަށް ހިދުމަތް ދީގެން ވެސް ރަނގަޅު އާމްދަނީއެއް ހޯދުމެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް އަންދާޒާކުރާ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކޮށްފައި ވެ އެވެ.
މި ލިޔުން ކިޔާލުމުން