ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމަކީ ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުން ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށާއި ދަސްވެނިންނަށް ހާއްސަކޮށްގެން އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
ބީއެމްއެލްއިން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމް ފުރިހަމަކުރާ ފަރާތްތަކަށް ބީއެމްއެލް އާއި އެހެން މާލީ އިދާރާތަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.
މި އިންޓާންޝިޕުގައި ބައިވެރިވެވޭނީ ޑިޕްލޮމާ ނުވަތަ އެއަށް ވުރެ މަތީގެ ފާހެއް އޮތް އޮވެގެންނެވެ. އަދި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެއްވެސް މުއައްސަސާއެއްގައި ވަޒީފާއެއް އަދާކޮށްފައި އޮވެގެން ނުވާނެ އެވެ. އަދި ކިޔަވަމުންދާ ނުވަތަ ކިޔެވި ކޮލެޖަކީ ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގުރާމުގައި ބައިވެރިވެފައިވާ ކޮލެޖަކަށް ވާން ޖެހޭނެ ކަން ވެސް ބީއެމްއެލްއިން ހާމަކުރިއެވެ.
އެ ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000ރ. މުސާރަ އަދި ރޯދަ މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބެ އެވެ.
ބައިވެރިވުމުގެ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެ އެވެ. އަދި އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 17 ސެޕްޓެމްބަރު 2024 ގެ ކުރިން އޮންލައިންކޮށް ހުށަހެޅެ އެވެ.
މި ލިޔުން ކިޔާލުމުން