މިއަހަރުގެ މަތީ ސާނަވީ އިމްތިހާނު 4,900 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ވަނީ ފަށާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، ޖުމްލަ 53 ސެންޓަރެއްގައި ކުރިއަށްދާ މި އިމްތިހާނުގައި 4,973 ދަރިވަރުން އޭލެވެލް ހަދާއިރު، 2,263 ދަރިވަރުން އެޗްއެސްސީ އިމްތިހާނު ހަދާނެއެވެ. އިމްތިހާނު ކުރިއަށްދާ ސެންޓަރުތަކުގެ ތެރޭގައި މާލެ ސަރަހައްދުގެ 4 ސެންޓަރަކުން 3,284 ދަރިވަރުންނާއި، އަތޮޅުތެރޭގެ 49 ސެންޓަރަކުން 1,689 ދަރިވަރުން ބައިވެރިވެއެވެ. މި އިމްތިހާނުތައް ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ މާލެ ފިޔަވައި އަތޮޅުތެރޭގެ 23 ސްކޫލެއްގައި ގްރޭޑް 11 އަދި 12 އަށް ކިޔަވައިދިނުން ފުޅާކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފަށާފައެވެ. މި ފިޔަވަޅުތަކާއެކު އޭލެވެލްއަށް ވަންނަ ދަރިވަރުންގެ އަދަދު ވަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވާން ފަށާފައެވެ. އެގޮތުން 2023 ވަނަ އަހަރު އޯލެވެލް ނިންމި 6,700 ދަރިވަރުންގެ ތެރެއިން އޭލެވެލްއަށް ވަނީ 2,100 ދަރިވަރުންނެވެ. ނަމަވެސް 2025 ވަނަ އަހަރު އޯލެވެލް ނިންމި 6,500 ދަރިވަރުންގެ ތެރެއިން 3,200 ދަރިވަރުން އޭލެވެލްއަށް ވަދެފައިވާއިރު، މިއަހަރު އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މިވަނީ 4,000 އަށްވުރެ މައްޗަށް އަރާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ދަރިވަރުން ތައުލީމީ ނިޒާމުން ބާކީވިޔަނުދީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ސްކޫލް ތައުލީމު ނިންމާ އާންމު މަރުހަލާއަކީ އޭލެވެލް ކަމުގައި ހެދުމެވެ.
މި ލިޔުން ކިޔާލުމުން



