އަންނަ އޮކްޓޯބަރު މަހު ބާއްވާ ޢާންމު އިންތިޚާބުން ބަލިވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އިސްރާއީލު ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވަމުންދާ ދިއުމާ ދެކޮޅަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އދ. ގެ އާންމު މަޖިލީހުގައި ތަޤްރީރު ދެއްވާފައެވެ. ނަމަވެސް، ޣައްޒާ ހަނގުރާމައާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން އެތައް ޤައުމެއްގެ މަންދޫބުން ވަނީ އޭނާ ވާހަކަދައްކަވަން ފެއްޓެވުމާއެކު މަޖިލިސް ދޫކޮށް ނުކުމެވަޑައިގެންފައެވެ.
މަންދޫބުންގެ އިޙްތިޖާޖަށް ރައްދުދެއްވަމުން ނަތަންޔާހޫ ވަނީ އެ މަންދޫބުންނަކީ "އަޚްލާޤީ ގޮތުން ފިނޑިން" ކަމަށް ވިދާޅުވެފައެވެ. އެވަގުތު ހޯލުގެ ގެލެރީގައި ތިބި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިސްރާއީލަށް ތާއީދުކޮށް އަޑުއުފުލާފައެވެ.
އދ. ގައި ދެއްވި ތަޤްރީރުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ބައިނަލްއަޤްވާމީ އެކި ލީޑަރުންނަށާއި ޤައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އޭނާއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ވިދާޅުވި ނިއުޔޯކްގެ މޭޔަރު ޒުހުރާން މަމްދާނީއަކީ ޙަމާސްއަށް ތާއީދުކުރާ ފަރާތެއް ކަމަށް ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން، އިސްރާއީލުގެ އާބާދީތަކާ ދެކޮޅަށް ފިޔަވަޅު އެޅި އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާގެ ލީޑަރުންނަކީ ޔަހޫދީންނާ ދެކޮޅު މީހުންނަށް ބޯލެނބި ބައެއް ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި ޤަޠަރާއި ތުރުކީވިލާތުން އިސްރާއީލާ ބެހޭގޮތުން ދޮގު ފަތުރާ ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް އެ ދެ ޤައުމުން ވަނީ ހަރުކަށިކޮށް ދޮގުކޮށްފައެވެ.
އަންނަ އޮކްޓޯބަރު 27 ގައި ބާއްވާ ޢާންމު އިންތިޚާބު ކައިރިވެފައިވާއިރު، ނަތަންޔާހޫގެ ކޯލިޝަން އޮތީ ވާދަވެރިންނަށްވުރެ ފަހަތުގައެވެ. އދ. ގެ ތަޤްރީރުގައި އިސްރާއީލުން ހަތް ދިމާލެއްގެ ހަނގުރާމަ ކުރަމުންދާ ކަމަށް ދައްކުވައިދިނުމުގެ އިތުރުން، ލުބުނާނުގެ ހަމަލާތަކާ ގުޅުންހުރި ޕޭޖަރެއް ދައްކަވާލައްވައި އީރާނުގެ ވެރިކަން ވައްޓާލުމަކީ ހަމައެކަނި ވަގުތުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމުގެ ރޭވުމެއް ނެތް ނަމަވެސް، އަނިޔާވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރައީސް ޓްރަމްޕަކީ އެންމެ ބޮޑު ބައިވެރިޔާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ލީޑަޝިޕަށް ނަތަންޔާހޫ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



