އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށްފަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ވަގުތުން އެނބުރި ޤައުމަށް ފުރާވަޑައިގެންފިއެވެ. އިސްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'ކާން' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ އެނބުރި ވަޑައިގެންނެވީ ނިއުޔޯކަށް ވަޑައިގެންނެވި ދުވަހު އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލެއްވުމަށް ފަހުގައެވެ.
އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ އިތުރުން، ނަތަންޔާހޫ ވަނީ ޕެރަގުއޭ، ޕެނަމާ އަދި ބޮލީވިއާގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، އައިސަކް އެކޯޑްސް މެދުވެރިކޮށް އިސްރާއީލާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެ ތިން ޤައުމަށް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ. އިސްރާއީލުގެ މީޑިއާތަކުން ލަފާކުރާ ގޮތުގައި ނަތަންޔާހޫ މި ދަތުރުފުޅު ކުރުކޮށްލެއްވީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.
ނަތަންޔާހޫގެ މި ދަތުރުފުޅާ ދިމާކޮށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ ވަނީ، އޭނާގެ ކެމްޕޭނުގައި އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި އަންގާރަ ދުވަހު ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، އިސްރާއީލުގެ ވެރިޔާ އަމިއްލަފުޅަށް ހައްޔަރުކުރުމުގެ ބާރު އޭނާއަށް ލިބިގެން ނުވި ނަމަވެސް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށެވެ.
ނަތަންޔާހޫ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގޮސްފައިވާއިރު، އެއް ދުވަސް ތެރޭގައި އެކަނިވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން



