ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް ގެ ފްލީޓަށް އާ ބޯޓުތައް އިތުރުކުރުމާއެކު، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިހާރު ޝެޑިއުލް ދަތުރުތަކެއް ނޯންނަ ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފަށާނެކަން ހާމަކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް އާ ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރީގެ އިތުރުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އަހުވަންތަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ. ޕީއައިއޭގެ ފްލީޓު ފުޅާކުރުމަށްޓަކައި ބޮއިންގް ކުންފުންޏާއެކު މަޝްވަރާކުރަމުންދާއިރު، އަވަހަށް ބޯޓުތައް ހޯދުމަށާއި ވަގުތީ ގޮތުން ބޯޓުތައް ކުއްޔަށް ނެގުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް ރާއްޖެއަށް އާ އެއާލައިންތަކަކުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަހަރުގެ ފަހު ކުއާޓަރުގައި އިތިއޯޕިއަން އެއާލައިންސް، ފްރެންޗް ބީ އަދި ކުވައިތު އެއާވޭސްގެ އިތުރުން ރަޝިޔާ، ބަލްގޭރިއާ، ވިއެޓްނާމް އަދި އާމީނިއާގެ އެއާލައިންތައް ހިމެނޭހެން ބައިނަލްއަގުވާމީ 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ. ސެޕްޓެމްބަރުގެ ނިޔަލަށް 1.49 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ކުރިއަށް އޮތް ބާރުބޮޑު މޫސުމުގައި މި އަދަދު އިތުރަށް މަތިވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
މި ލިޔުން ކިޔާލުމުން



