ރ. ވާދޫ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ފެންނަމުންދާ ނޭދެވޭ އަމަލުތައް ހުއްޓުވައި އަހުލާގު ރަނގަޅުކުރުމުގެ މަގުސަދުގައި، އެ ރަށު ކައުންސިލުން ހާއްސަ އުސޫލުތަކަކަށް އަމަލުކުރަން އަންގައިފިއެވެ. ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަރިވަރުންގެ ކިބައިން ކަންބޮޑުވާންޖެހޭ ފަދަ ކަންކަން ފާހަގަކުރެވެމުންދާތީ އެކަންކަން އިސްލާހުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުވެފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުންނާއި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ވަނީ ކަނޑައަޅައިފައެވެ.
އާންމުކުރި އުސޫލުތަކުގެ ތެރޭގައި، ބެލެނިވެރިއަކާ ނުލައި ރޭގަނޑު 9:00 ގެ ފަހުން ދަރިވަރުން ބޭރުގައި ނޫޅުމަށާއި، އިރުއޮއްސުމަށްފަހު ޕާކުތަކާއި މައިޒާންތަކުގެ އިތުރުން އިޖުތިމާއީ ބީޗުތަކަށް ނުދިއުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން އިރުއޮއްސުމަށްފަހު ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ހުއްޓާލުމަށާއި، ނަމާދު ވަގުތުތަކުގައި އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް ވަނީ އެދިފައެވެ. އަދި ބެލެނިވެރިންގެ ހުއްދައާއި ބައިވެރިވުމެއް ނެތި ރަށުގެ ކަނޑުތޮއްޓަށް އެރުމާއި ރަށުން ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން، އުމުރާ ނުގުޅޭ މަސައްކަތްތައް އުޖޫރައަށް ނުވަތަ އެނޫންވެސް ގޮތަކަށް ކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި އޭގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ދަރިވަރުން ބައިވެރިވުން ވަނީ ހަރުކަށިކޮށް މަނާކޮށްފައެވެ.
ވާދޫ ކައުންސިލުން ބުނީ މި ކަންކަން ވަރަށް ގާތުން މޮނިޓާކޮށް ބަލަމުންދާނެ ކަމަށާއި، އުސޫލުތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ކުދިން އަހުލުވެރިކުރުވައި، ދަރިންގެ ކަންކަން މިހާރަށްވުރެ ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ހުރިހާ ބެލެނިވެރިންނަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



