އަންނަ މަހުގެ 8 އިން ފެށިގެން ދެ ދާއިރާއެއްގައި ވިޔަފާރިކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ބައެއް ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކުރުމަށްޓަކައި ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، އޮކްޓޫބަރު 8 އިން ފެށިގެން ބޭރުގެ ފަރާތްތަކުން ހޯލްސޭލް އަދި ރީޓެލް ވިޔަފާރިކުރުމުގެ އިތުރުން، ކާގޯ ސޭލްސް، ޖެނެރަލް ސޭލްސް އަދި ޕަސެންޖަރ ސޭލްސް އެޖެންޓުންގެ ޚިދުމަތް ދިނުން ހުއްޓާލަންޖެހޭނެއެވެ. މި ބަދަލުތަކާ ގުޅިގެން އިންތިޤާލީ މަރުޙަލާގެ ކަންކަން ފުރިހަމަކުރުމަށް ބައެއް ކުންފުނިތަކާ ގުޅަން މަސައްކަތްކުރި ނަމަވެސް، 8 ކުންފުންޏަކަށް ގުޅޭގޮތް ނުވުމުން އެ ކުންފުނިތަކުގެ ނަންތައް އާންމުކޮށް، އައު ފޮރިން އިންވެސްޓްމަންޓް ގަވާއިދުގެ ތެރެއިން އިންވެސްޓް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްދިއުމަށް އެންގުމާއެކު، ކަނޑައެޅިފައިވާ މުއްދަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެއަރލައިންތަކުގެ ޖެނެރަލް، ފަސިންޖަރ އަދި ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ނިންމަވައި، ސަރުކާރުން އެކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިއާއެކު، ރާއްޖޭގެ ފަތުރުވެރިކަމާއި އެވިއޭޝަން ސިނާއަތުގައި މަސައްކަތްކުރާ ދިވެހި ކުންފުނިތަކަށް އިތުރު ފުރުޞަތުތައް ފަހިވެގެންދާނެއެވެ. ބައެއް ވިޔަފާރި ދާއިރާތަކުގެ އިތުރުން ބައެއް ވަޒީފާތައްވެސް ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މިއީ އެތެރޭގެ އިޤްތިޞާދަށް ވަންނަ ފައިސާ އިތުރުވެ، ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން އަންދާޒާކުރައްވައެވެ.
މި ލިޔުން ކިޔާލުމުން



