މިއަހަރުގެ އޮކްޓޫބަރު މަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމަށް 6,000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރީކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މައުރަޒާ އަޅައިބަލާއިރު 2,000 އަށްވުރެ ގިނަ އުފެއްދުމުގެ އިތުރުވުމެކެވެ. މީގެ އިތުރުން، މިފަހަރު 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރު އަދަދެއް ކަމަށް ބީސީސީން ބުނެއެވެ. މި ކުރިއެރުމާއެކު ގިނަ ދިވެހި އުފެއްދުންތަކާއި، ހިދުމަތްތަކުގެ އިތުރުން އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.
ރަޖިސްޓަރީކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލު ހުށަހެޅުމުގެ ސުންގަޑިއަކީ މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށްވާތީ، ފަހު ވަގުތަށް މަޑުނުކޮށް ތަފްސީލުތައް ހުށަހެޅުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ. 16 ދާއިރާއަކުން 73 ކެޓަގަރީ ހިމެނޭ މި މައުރަޒުގައި 13 އަހަރުން މަތީގެ ދިވެހިންނާއި، ވިޔަފާރިތަކާއި، ސަރުކާރު ކުންފުނިތަކާއި، ތައުލީމީ މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ހަރަކާތްތަކާއި، ބޮޑުބެރާއި ދިވެހި ސަގާފީ ކުޅިވަރުތަކާއެކު ކުރިއަށްދާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން



