މާލޭ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، ވެސްޓްޕާކާ ދިމާއަށް އޮންނަ ހަވީރީ ހިނގުން ބަންދުކުރުމުން އޯކިޑް ރޫޓް އަދި އޮރެންޖް ހިޔާ ރޫޓްގެ ބަސްތައް ދެން ވެސްޓްޕާކް ބަސް ސްޓޯޕަކަށް މަޑެއް ނުކުރާނެއެވެ.
މި ބަދަލާއެކު އެ ދެ ރޫޓްގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުންނެވެ. އަދި ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް މަޑުކުރާނީ ކަނބާ އައިސާރަނީ ހިނގުމުން ގޮސް ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް ކަމަށާއި، އެއަށްފަހު ދަތުރުކުރާނީ ސަބުދެލި މަގުން މަޖީދީ މަގަށް ނުކުމެގެން ކަމަށް އެމްޓީސީސީން ބުނެއެވެ. މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދިފައިވާއިރު، އިތުރު މަޢުލޫމާތު 1650 ހޮޓްލައިން މެދުވެރިކޮށް ލިބޭނެއެވެ.
މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ އެމްޕީއެލް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެ ސަރަހައްދު ތަރައްގީކުރަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



