ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަށް ޓެކްސްގެ އެއްވެސް ލުއިތަކެއް ދިނުމަށް ނިންމާފައި ނުވާކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެ މަޝްރޫއާ ގުޅޭގޮތުން ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުން ބަރޯސާވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހު ލިބޭ އެއްޗަކަށްވުރެ ބޮޑަށް، މި މަޝްރޫއުގެ ތެރެއިން ދައުލަތަށް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ އާމްދަނީއަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ކުރެވޭ ކޮންމެ ވިއްކުމެއްގެ ފައިސާ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓި، ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ބޭންކުތައް މެދުވެރިކޮށް ދައުރުވުމަކީ ޑޮލަރުގެ ދަތިކަން ތަޖުރިބާކުރަމުންދާ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން، ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، ސޮވަރިން ގެރެންޓީއެއް ނުދީ އަދި ޓެކްސް ލުއިތަކެއްވެސް ނުދީ ހިންގާ މި މަޝްރޫއު ފުރިހަމަވާއިރު، އަހަރަކު މަދުވެގެން އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ. އަދި މަޝްރޫއު ތަރައްގީކުރާ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުމުގެ އިތުރުން، އިގްތިސޯދުގެ ތެރޭގައި 54,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށްވެސް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



