ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ފުރިހަމަ ޕްލޭން ތަންފީޒުކޮށް ނިންމުމަށް އަމާޒުކޮށްފައިވާ ރޯޑްމެޕް ބަލައިގަތުމަށް އިސްރާއީލުން ދެކޮޅުހެދި މައްސަލަ، ޤަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ކުށްވެރިކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، ފަރަންސޭސިވިލާތުގެ ރައީސް މެކްރޯން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބާންހަމް އަދި ކެނެޑާގެ ބޮޑުވަޒީރު ކާނީ އިސްނަންގަވައިގެން ބޭއްވެވި ޤައުމުތަކުގެ އިސްވެރިންގެ ސިއްރު ބައްދަލުވުމެއްގައެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޒިންމާތައް އަދާކުރުމަށާއި، ފަލަސްތީނުގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވައި، ޣައްޒާގައި ސުލްހަ ގާއިމުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސްއޫލިއްޔަތު އަދާކުރުމުގެ މުހިންމުކަން ޝެއިޚް މުޙައްމަދު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ބައިނަލްއަޤްވާމީ ޤަރާރުތަކާއި ދެ ދައުލަތުގެ ޙައްލަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤަށާއި، ފަލަސްޠީނުގެ ޤަޟިއްޔާއަށް ޤަތަރުން ދޭ "ސާބިތު" އެއްބާރުލުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
މިދިޔަ އޮގަސްޓް މަހު އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މި 15 ނުކުތާގެ ޕްލޭން ބަލައިގަތުމަށް ދެކޮޅުހައްދަވާފައެވެ. އަދި ހަމާސްއިން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފައިބައިގެން ނުދާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން



