އެމެރިކާގެ ސެނެޓް އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ޕާޓީގެ ދެ ކެންޑިޑޭޓަކު، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަވަހަށް ނިންމުމަށް ގޮވާލައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕާ ޚިޔާލު ތަފާތުވެއްޖެއެވެ. މި ބަދަލަކީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު، ޚާއްޞަކޮށް ޑީސަލްގެ އަގު ރެކޯޑް މިންވަރަކަށް އުފުލުމާ ގުޅިގެން، ވާދަވެރި ދާއިރާތަކުގެ ކެންޑިޑޭޓުން ޓްރަމްޕާ ދުރުހެލިވާން މަސައްކަތްކުރާ ކަމުގެ ހެއްކެކެވެ.
މިގޮތުން މިޝިގަންގެ ކެންޑިޑޭޓް މައިކް ރޮޖާސް އަދި އައޯވާގެ ކެންޑިޑޭޓް އޭޝްލީ ހިންސަން ވަނީ މީގެ ކުރިން ޓްރަމްޕަށް ތާއީދުކުރެއްވުމަށްފަހު އެ ބޭފުޅުންގެ ވިސްނުން ބަދަލުކުރައްވާފައެވެ. އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހިންސަން ވަނީ ވޭތުވެދިޔަ ހަފްތާއާ ހަމައަށް ޓްރަމްޕްގެ ބާރުތައް ހަނިކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ހިންސަން ސޯޝަލް މީޑިއާގައި ވިދާޅުވީ، "އައޯވާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ތާށިކަމެއްގެ ތެރޭގައި. އީރާނުގެ ހަނގުރާމައިގެ ސަބަބުން ޕެޓްރޯލް ޕަންޕުތަކުންނާއި ފިހާރަތަކުގެ ކައުންޓަރުތަކުން ނަގާ ބޮޑު އަގު އައޯވާގެ ރައްޔިތުން ދައްކާކަށް ނުޖެހޭނެ،" ކަމަށެވެ. މީގެ އިތުރުން ޕެޓްރޯލުން ނަގާ ޓެކްސް މެދުކަނޑާލުމަށާއި، ޑީސަލް ބޭރުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ރޮޖާސްވެސް ވަނީ ކެމްޕޭން އިޝްތިހާރެއް މެދުވެރިކޮށް އީރާނު ހަނގުރާމަ އަވަހަށް ނިންމުމަށާއި ޓެކްސް ކަނޑާލުމަށް ގޮވާލައްވާފައެވެ.
ޑިމޮކްރެޓުން މިކަން ސިފަކުރަނީ އިންތިޚާބާ ދިމާކޮށް ގެންގުޅޭ ދެފުށްދެކެހި ސިޔާސަތެއްގެ ގޮތުގައެވެ. މީގެ އިތުރުން ހައުސްގެ މެންބަރުން ކަމަށްވާ ޒެކް ނަން އަދި މެރިއަނެޓް މިލަރ-މީކްސް ވަނީ ޓްރަމްޕްގެ ބާރުތައް ހަނިކުރުމަށް ވޯޓު ދެއްވާފައިވާއިރު، މާރިއާ އެލްވީރާ ސަލަޒާ ވަނީ އިމިގްރޭޝަން ސިޔާސަތުތަކާ ގުޅިގެން ޓްރަމްޕަށް އިންޒާރު ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



