ގދ. ތިނަދޫއިން އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިންތަކެއް ދޫކުރި މައްސަލައެއްގައި، އެ ރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަދި މިހާރުގެ މޭޔަރު ސަޢުދު ޢަލީގެ އިތުރުން ކައުންސިލްގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ޖިނާއީ ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
މި މައްސަލައިގައި ދަޢުވާކުރަން ނިންމާފައިވަނީ ސަޢުދު ޢަލީގެ އިތުރުން، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިއްބެވި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. އެ ފަރާތްތަކުގެ މައްޗަށް އުފުލުމަށް ނިންމާފައިވަނީ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ/ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައި ވީނަމަވެސް، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި، އަހުމީމާ އަޙްމަދު އަދި ޢާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައިވަނީ އިޢުލާންކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށެވެ.
އަދި، އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނިކޮށް، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސަޢުދު ޢަލީ ސޮއިކުރައްވައި، 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ވަނީ ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެންބަރު 2026 ގައި ކަމަށް އޭސީސީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން



