މާލޭގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައިގައި ކުށް ސާބިތުވި ދެ މީހަކު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ގާޟީ މުޒައްމިލު ނާޞިރޫ ބެއްލެވި މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މ. ކޮޅުފުށި / އާހިޔާ، މުޙައްމަދު ފިރުނާސް އާއި މ. ދިއްގަރު / އަޒުމް، އަޙްމަދު އަސްޢަދުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ 30 ޑިސެންބަރު 2022 ގެ ދަންވަރުގެ ވަގުތެއްގައެވެ. އެއީ މ. ގެދަ، 10 ވަނަ ފަންގިފިލާގެ އެޕާޓްމަންޓްގެ ވެރިފަރާތް ޢުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް ހުއްޓައި، އެޕާޓްމަންޓާއި ކޮޓަރީގެ ދޮރު މަތާލައިގެން ވަދެ، ތިޖޫރި ފަޅާލައިގެން 300,000 ދިވެހި ރުފިޔާއާއި 10,000 އެމެރިކާ ޑޮލަރު ވަގަށް ނެގި މައްސަލައެކެވެ. މީގެ ތެރެއިން ފިރުނާސް ހައްޔަރުކުރި ގެސްޓްހައުސް ކޮޓަރީގެ ފާޚާނާ ސީލިންގު ތެރޭގައި ފޮރުވާފައި ހުރި 200,000 އަށްވުރެ ގިނަ ރުފިޔާއާއި 10,000 ޑޮލަރު ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގައި މުޙައްމަދު ފިރުނާސްގެ މައްޗަށް ވައްކަން ކުރުމާއި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވެފައިވާއިރު، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހެނީ ވައްކަމުގެ ކުށަށް 6 މަހާއި 15 ދުވަސް، ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް 2 މަހާއި 12 ދުވަސް، އަދި މުދަލަށް ގެއްލުންދިނުމުގެ ކުށަށް 9 ދުވަހުގެ ޖަލު އަދަބެކެވެ.
އަޙްމަދު އަސްޢަދުގެ މައްޗަށް ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެފައިވާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތުމުން އަދަބު މަތިކޮށް، ބަންދުގެ މުއްދަތު އުނިކުރުމަށްފަހު ވައްކަމުގައި ބައިވެރިވި ކުށަށް ތަންފީޒު ކުރަންޖެހެނީ 1 އަހަރާއި 10 މަސް ދުވަހުގެ ޖަލު އަދަބެކެވެ. އަދި ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށަށް އޭނާގެ މައްޗަށް އިއްވީ 3 މަސް ދުވަހުގެ ޖަލު އަދަބެކެވެ.
ސީސީޓީވީ ފުޓޭޖާއި، ވީޑިއޯ އެނާލިސިސް ރިޕޯޓުތަކުގެ އިތުރުން ފުލުހުންގެ ހެކިބަހަށް ރިއާޔަތްކޮށް، ދައުލަތުން ހުށަހެޅި ދައުވާތައް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން



