ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިވުމުން މަހުރޫމުވެފައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިހާރު ހުރި ފުލެޓްތަކާއި އަލަށް އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގައި ކުއްލި ހާލަތްތައް ވަގުތުން އަންގައިދޭނެ ޒަމާނީ ނިޒާމުތައް ހަރުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ބާއްވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދެމަފިރިއަކު ހިއްސާކުރި ޝަކުވާތަކާ ގުޅިގެންނެވެ. އިޝާރާތުގެ ބަހުގެ ތަރުޖަމާނެއް މެދުވެރިކޮށް އެ ދެމަފިރިން ވަނީ އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ފަދަ ކުއްލި ނުރައްކަލެއް ދިމާވެއްޖެ ނަމަ އެކަން ދެނެގަނެވޭނެ ގޮތެއް ނެތުމުން ކުރިމަތިވާ ބިރުވެރިކަން ފާހަގަކޮށްފައެވެ. މީގެއިތުރުން ބަލި މައިންބަފައިން ބެލެހެއްޓުމުގައި އެހީތެރިކަން ހޯދުމަށް ހުރި ދަތިތަކާއި، ދަރިންގެ ތައުލީމީ ކަންކަމުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ދިމާވާ އުނދަގޫތައްވެސް އެ ފަރާތުން ރައީސްގެ ސަމާލުކަމަށް ގެނައެވެ.
އެ އާއިލާގެ ވާހަކަތަކަށް ރިއާޔަތްކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން އަލަށް ތަރައްގީކުރާ ހުރިހާ ފުލެޓްތަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުއްލި ހާލަތްތައް ފަސޭހައިން އެނގޭނެ ފަދަ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަންތަނަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެންމެ ތިރީ ފަންގިފިލާތައް ހާއްސަކުރުމުގެ އުސޫލަށް މިހާރުވެސް އަމަލުކުރަމުންދާކަން ފާހަގަކުރައްވަމުން، މިހާރު މީހުން ދިރިއުޅޭ އިމާރާތްތަކުގައިވެސް އެފަދަ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން



