ހޫތީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ވަރުގަދަވަމުން ދަނިކޮށް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކާ ގާތްވެފައިވާ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމެއް ބޭނުންވާ ކަމަށާއި، އެ ޤައުމުގެ ފަރާތުން ސީދާ މެސެޖެއްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ހޫތީން ސަޢޫދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށާއި މައި ބަނދަރުތަކަށް އަމާޒުކޮށް ހަމަލާތައް ދިނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ނަމަވެސް، ޢުމާން މަގުން އިތުރު ތެޔޮ ފޯރުކޮށްދިނުމަށް ސަޢޫދީން ހުށަހެޅުމާއެކު ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފައެވެ.
ހޫތީން ބުނެފައިވާ ގޮތުގައި މި ހަފުތާގައި ސަޢޫދީން ވަނީ ޔަމަނަށް 450 އަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފައެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން ވަނީ ޔަމަނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް އެ ޤައުމުގެ އޮފިޝަލުން ދަތުރުކުރުން މަނާކޮށްފައެވެ.
ހަނގުރާމަ އިތުރަށް ފުޅާވަމުންދާތީ، އަންގާރަ ދުވަހު އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ޓްރަމްޕް، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ޤައުމުތަކުގެ ވެރިންނާ ނުވަތަ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާނެ ކަމަށް އެކްސިއޯސް އިން ވަނީ ރިޕޯޓްކޮށްފައެވެ. މި ބައްދަލުވުމުގައި ކުރިއަށް އޮތް ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ލިޔުން ކިޔާލުމުން



