މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ ހުރުމަތް ކެނޑޭފަދަ ކޮންމެ އަމަލަކީ މުޅި އިސްލާމީ އުންމަތަށް ކުރެވޭ ފުރައްސާރައެއް ކަމަށާއި، އެފަދަ ކަންކަން އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ ކަމަށެވެ.
ރާއްޖެއިން އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ސާބިތުވެ އޮންނާނެކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ މައްކާއާއި، އެސިޓީގެ ރައްޔިތުންގެ އިތުރުން ޙައްޖާޖީންނާއި އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީ އެއަރ ޑިފެންސް ފޯސަސްއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފައެވެ. އަދި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލައި، މަސްރަހު ގޯސްވިޔަނުދީ ސުލްހަވެރި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



