މާލެ ކައިރިން އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓުގެ ހާދިސާގައި މާލޭގެ ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ސާވޭގެ މަސައްކަތް ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން މިއަދު ބުނެފިއެވެ. އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ ބޯޓު އެރި ސަރަހައްދުގެ އެސެސްމަންޓް މަސައްކަތް އަދި ނުފެށި އޮތީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވެސް ލަފާގެ މަތިން، މޫސުން ތަންނުދޭތީ ކަމަށާއި، މޫސުން ރަނގަޅުވިހާ އަވަހަކަށް އެ ސާވޭ ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައެއް ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު "އޭއެލް 1" އަދި "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ މާ ބާވެފައިވާ މި ދެ ބޯޓު އޮޔާދާން ދިމާވީ ބުރާސްފަތި ދުވަހުގެ ރޭ އައި ގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށް އުރުމުގެ ސަބަބުން ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަރުގެ ބައެއް ސަރަހައްދުތައް މުޅިން އޮމާންވެފައިވާ ކަމަށް އާންމުން ފާހަގަކޮށްފައިވެއެވެ. އޭގެފަހުން އެ ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނުއިރު، ބްރިޖުގައި ޖެހުނީ ބޯޓެއްގެ ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެއް ކަމަށް ބެލެވެއެވެ.
އޯމާންގެ ޝިނާސްއިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރި ކަމަށް ބުނާ މި ދެ ބޯޓަކީ ހާލުގައި ޖެހިގެން އެތައް ދުވަހެއް ވަންދެން އުޅެމުންދިޔަ ދެ ބޯޓެވެ. މާލެއަތޮޅާ ދިމާލުން ރާއްޖޭގެ 30 ނޯޓިކަލް މޭލު ބޭރަށް، ހުކުރު ދުވަހުގެ ރޭ މި ދެ ބޯޓު އަޑިއަށް ގޮސްފައިވާއިރު، އެމްއެންޑީއެފުން ވަނީ އޭގައި ތިބި ފަޅުވެރިން ސަލާމަތްކޮށްފައެވެ. ބޯޓުތައް އަޑިއަށް ދިޔައީ ވަރަށް ބާވެ ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން



