ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރާ ބިދޭސީންގެ ތެރޭގައި ޑޮލަރު ސްމަގްލްކުރާ މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް އެ ފައިސާ މާރުކުރެވޭނީ ހަމައެކަނި ބޭންކުތަކުން ނުވަތަ އެކަމަށް ޚާއްޞަ ހުއްދަ ލިބިފައިވާ ތަންތަން މެދުވެރިކޮށް ކަމަށެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުތަކުން އެނގޭ ގޮތުގައި، ހުއްދައެއް ނެތި ޑޮލަރުން އާމްދަނީ ލިބޭ މީހުން ވިޔަފާރިވެރިންނަށް ސީދާ ޑޮލަރު ވިއްކަމުންދާ ކަމަށާއި، މިއީ ގާނޫނީ ގޮތުން ޖިނާއީ ކުށެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ ކުށެއް ކޮށްގެން ހޯދާ ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ބިދޭސީންނަށް މުސާރަ ލިބުމުން ދިވެހި ވިޔަފާރިތަކުގެ ނަމުގައި ހުންނަ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް، ދުވަހުން ދުވަހަށް ޑޮލަރު މާރުކުރަމުންދާ ކަމަށެވެ. އަދި އެގޮތަށް އެއްކުރާ ޑޮލަރުތައް ޤައުމުން ބޭރަށް ސްމަގްލްކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، މިފަދަ ގާނޫނާ ހިލާފު ޖިނާއީ އަމަލުތަކުގައި ދިވެހިން ބައިވެރިނުވުމަށް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.
ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރުމުގެ މުއާމަލާތްތައް ކުރާކަން ތަހުގީގަށް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވަމުން، ދިވެއްސެއްގެ ނިވާފަތްގަނޑުގައި ތިބެ ބިދޭސީން މިފަދަ ކަންކަން ކުރާނަމަ އެ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން، ގާނޫނު ތަންފީޒުކުރަން ފެށުމުން ބިދޭސީންނަށް އިހުމާލުވާ ދިވެހިން އެނގެމުންދާކަން ފާހަގަކުރައްވައި، އެފަދައިން އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ދިވެހި މީހާ ޖޫރިމަނާކުރެވޭނެ ކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



